ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހިންގާ އެއްވެސް ފަރާތެއްގެ މައްސަލަ ހެއްކާއެކު ހުށަހަޅައިފިނަމަ، އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމުގައި ކުޑަކޮށްވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މުޢިއްޒު މިކަމުގެ ޔަގީންކަން ދެއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ.

Ad
rt

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ އެއްވެސް މައްސަލައެއް ހެއްކާއެކު އެމަނިކުފާނާ ހަމައަށް ގެނެސްފިނަމަ، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ޖެހިލުމެއް ނުވާނެ ކަމަށެވެ.

ރައީސްގެ ބަޔާނުގައި ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒް ކޮށް ނިމުމުން، ނިޒާމުގެ ތެރެއިން ކޮރަޕްޝަންގެ ވަބާ ވަރަށް ބޮޑަށް ނެތިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މި ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގެ ދަށުން، ކޮރަޕްޝަން ހުއްޓުވުމާ ގުޅޭ މުހިންމު ބިލުތަކެއް މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެންޓި-ކޮރަޕްޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.
  • އެސެޓް ރިކަވަރީއާ ބެހޭ ބިލު.
  • ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.

މީގެ އިތުރުން، މިހާރު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ހުރި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ނުހައްގު މުއްސަނދިކަމުގެ ކުށާ ގުޅޭގޮތުން ހުށަހަޅާފައިވާ އިސްލާހާއި، ހެއްކާބެހޭ ގާނޫނަށް ގެނެވޭ އިސްލާހުތައް ފާސްވުމުން، ކޮރަޕްޝަންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތު ތަންފީޒުކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.