ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ދަށުން ހިންގާ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 66 ޒުވާނުން ބައިވެރިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ފުރިހަމަކުރި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން، ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ތަމްރީނު މަރުކަޒަށް މިއަދު ފުރާފައިވާ ކަމަށެވެ. މި ތަމްރީނުތަކުގައި ބައިވެރިވަނީ އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، އަދި ރޫޙާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ރައްޔިތުންތަކެއް ބިނާކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޤައުމިއްޔަތަށް ލޯބިކުރާ ޖީލެއް އުފެއްދުމަކީވެސް މި އިނީޝިއޭޓިވްގެ މުހިންމު އަމާޒެކެވެ.
އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ… pic.twitter.com/EINur1eipJ
— Dr Mohamed Muizzu (@MMuizzu) January 15, 2026
މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ސަރުކާރުން އިސްނަގައިގެން ޒުވާނުން ބާރުވެރިކުރުވުމަށާއި ޤައުމީ ޚިދުމަތަށް ތައްޔާރުކުރުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ.
2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިޢުލާނުކުރެއްވި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ޕްރޮގްރާމުގެ ސަބަބުން ތަމްރީނު ލިބިފައިވާ، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމަށެވެ.
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ދެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!