ކުޅުދުއްފުށީ ސިޓީގައި ބޭއްވި "ޑަބްލިޔުޑީސީ އެކްސްޕޯ 2026" އަށް 1100 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީގައި ބޭއްވި "ޑަބްލިޔުޑީސީ އެކްސްޕޯ 2026"ގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް

Ad
rt

މި އެކްސްޕޯއަކީ އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި މި އެކްސްޕޯގައި ޖުމްލަ 25 ބައިވެރިން އެފަރާތްތަކުގެ އުފެއްދުންތަކާއި ވިޔަފާރިތައް ދައްކާލާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 23 އަންހެން ބޭފުޅުންނާއި 2 ފިރިހެން ބޭފުޅުންނެވެ.

ކުޅުދުއްފުށީ ސިޓީގައި ބޭއްވި "ޑަބްލިޔުޑީސީ އެކްސްޕޯ 2026"ގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް

މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގައި ކުރިއަށްދާ ކުދި ވިޔަފާރިތަކާއި އަތްތެރި މަސައްކަތްތައް އިސްތިހާރުކުރުމުގެ މަގު ފަހިކޮށްދީ، އެފަދަ މަސައްކަތްތައް ދައްކާލެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ.

ކުޅުދުއްފުށީ ސިޓީގައި ބޭއްވި "ޑަބްލިޔުޑީސީ އެކްސްޕޯ 2026"ގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް

އެކްސްޕޯގެ ތެރެއިން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިސްޤާލް ބޮޑުބެރު ގްރޫޕާއި ޒެނޯ ވައިބްގެ ހުށަހެޅުންތަކުން އެކްސްޕޯގެ ފޯރި އިތުރުކޮށްދީފައިވެއެވެ.

ކުޅުދުއްފުށީ ސިޓީގައި ބޭއްވި "ޑަބްލިޔުޑީސީ އެކްސްޕޯ 2026"ގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް

މީގެ އިތުރުން، އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއް ކުރިއަށް ގެންގޮސް، ގުރުއަތުން ހޮވުނު ނަސީބުވެރި 32 ފަރާތަކަށް ވަނީ ހަދިޔާ ހަވާލުކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީގައި ބޭއްވި "ޑަބްލިޔުޑީސީ އެކްސްޕޯ 2026"ގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި އެކްސްޕޯއަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށާއި، 1100 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރުމަކީ ލިބުނު ވަރަށް ބޮޑު ތަރުހީބެއް ކަމަށެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ރަށުގެ ހުނަރުވެރިންނަށާއި ކުދި ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ މަސައްކަތް ކުރިއެރުވުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.