ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 4,000 'އަމާން އުދަރެސް' ފްލެޓުގެ ތެރެއިން މިހާތަނަށް 399 މީހަކަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޖުމްލަ 3,879 ފަރާތަކާއެކު މިހާތަނަށް އެއްބަސްވުން ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް ހުރިހާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކޮށް ނިންމުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މަސައްކަތް ލަސްވި ސަބަބާއި މިހާރުގެ ހާލަތު
ފްލެޓްތަކުގެ މަސައްކަތް ނިމުން ލަސްވެގެން ދިޔަ ސަބަބާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ކުރީގެ އެއްބަސްވުމުގައި ފެނާއި ކަރަންޓުގެ މަސައްކަތްތައް ހިމެނިފައި ނެތުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތްތައް ނިންމައި، ފްލެޓްތައް ހަވާލުކުރުމުގެ މަރުހަލާ ބާރުމިނުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުއްޔާއި ލުއިތައް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ބޮޑެތި ލުއިތަކެއް ދެއްވާފައެވެ. އެގޮތުން 3 ކޮޓަރީގެ ފްލެޓަކަށް މަހަކު 10,000 ރުފިޔާ އަދި 2 ކޮޓަރީގެ ފްލެޓަކަށް މަހަކު 7,000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.
މީގެ އިތުރުން، ފްލެޓްގެ ތަޅުދަނޑި ހަވާލުކުރާ ތާރީޚުން ފެށިގެން ފުރަތަމަ ތިން މަސް ދުވަހު ކުލި ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައިވެސް މެއިންޓެނަންސް ފީ ދައްކަން ޖެހޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!