އެކި ދުވަސްމަތިން މަކާރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ފުލުހުން ހޯދައި ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. ގުލްޝަންކިނާރާ، އަޙްމަދު ޢިރުފާލް (36އ) އެވެ.
ޢިރުފާލް ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ 9 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެންނެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ، މި މައްސަލާގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އޭނާ ވަނީ 2025 މެއި މަހުން ފެށިގެން މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން 50,000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައެވެ. އަދި އޭނާގެ ނަމުގައި ދެ ބެންކެއްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށްފަހު ވަނީ ނަގާފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!