ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ރަށުގެ އިރުމަތީފަރާތުގައި ތަރައްޤީކުރި ''ގަލަދުން ޕާކު'' ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ މެންބަރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލުގެ ކެޕްޓަނުންގެ އިތުރުން އާންމު ރައްޔިތުން ބައިވެފައިވެއެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި، ކުޅުދުއްފުށީގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ވީހާ ކައިރީގައި، ހިތްފަސޭހަ ކޮށްލާ، ހިތްހަމަޖައްސާލާނެ މައިޒާންތަކާއި ޕާކްތައް ހެދުމަކީ ކައުންސިލްގެ ފަސް އަހަރުގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މުހިންމު އަމާޒެކެވެ. އަދި މި މަޝްރޫޢަކީ ޚާއްޞަކޮށް ކުޅުދުއްފުށީގެ އިރުމަތީ ފަޅީގައި ދިރިއުޅޭ ކުދިބޮޑު އެންމެންނަށް ހަރަކާތްތެރިވެ އުޅެވޭނެ ފަދަ ތަފާތު އެކި ކަހަލަ ކަންކަން ހިމެނޭ މައިޒާނެއް ތަރައްޤީކުރުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި ހިންގުނު މަޝްރޫޢެއްކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
''ގަލަދުން'' މި ނަމަކީ އެ ޕާކު ތަރައްގީކޮށްފައިވާ ސަރަހައްދަށް ނިސްބަތްކޮށް ކުރީ ޒަމާނުގައި ކިޔައި އުޅުނު ނަމެކެވެ.
ގަލަދުން ޕާކަކީ ތަފާތު ގިނަ ބައިތަކެއް ހިމަނައިގެން ތަރައްޤީކުރެވިފައިވާ ޕާކެކެވެ. މި ޕާކުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަކުރެވިފައިވާ ކުޅޭ އޭރިޔާއަކާއި، 125 މީހުންގެ ޖާގައިގެ އޯޕަން ސްޓޭޖެއް (ކުދިކުދި ހަފްލާތަކަށް ޚާއްސަކުރެވިފައިވާ)، އާއިލީ އެއްވުންތަކަށް ހާއްސަކުރެވިފައިވާ ދެ މައިޒާނާއި، ޕާޓީތަކަށް ހާއްސަ ޕެވީލިއަނެއް ހިމެނެއެވެ. މީގެ އިތުރުން ސްޓޯރޫމަކާއި އެކު ފާހާނާ ބްލޮކެއް ވެސް މި ޕާކުގައި ވަނީ ގާއިމުކުރެވިފައެވެ.
ޕާކުގެ ކުޑަކުދިންގެ ކުޅޭ ސަރަހައްދުގައި ހިމެނޭ ތަފާތު ކުޅިވަރު އާލާތްތަކަކީ އިންޑިޔާ ސަރުކާރުން ސިޓީ ކައުންސިލަށް ހަދިޔާ ކުރައްވާފައިވާ ތަކެއްޗެވެ.
ގަލަދުން ޕާކް ތަރައްޤީކުރުމުގެ މަސައްކަތަށް ޖުމްލަ 2,697,589.06 (ދެ މިލިއަން ހަލައްކަ ނުވަދިހަ ހަތްހާސް ފަސްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ހަ ލާރި) ހަރަދުކުރެވިފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ބެންޒީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ މަށިކުޅިީގައި ވަރަށް ހިތްގައިމު ވިއުވިންގ ޕްލެޓްފޯމެއް ތަރައްގީކޮށް ވަނީ 10 ސެޕްޓެމްބަރު 2025 ގައި ހުޅުވާފައިވާއިރު، ބައެއް މައިޒާންތައް ވެސް ސިޓީ ކައުންސިލުން ވަނީ ތަރައްގީކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!