ހއ. ކެލާގައި ސަރުކާރުގެ "ފަސް މިލިއަން ގަސް އިންދުމުގެ" ގައުމީ މަޝްރޫޢުގެ ދަށުން ތިމާވެށި ހިމާޔަތްކޮށް ރަށުގެ ފެހިކަން އިތުރުކުރުމުގެ ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ، މި ހަރަކާތަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން އިސްކުރާ މަސައްކަތްތަކުގެ ތެރެއިން، ކެލާ ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

Ad
rt

މި ހަރަކާތުގެ ދަށުން މިހާރު ގަސް އިންދަން ފަށާފައިވާއިރު، މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 150 ގަސް އިންދުމަށް ވަނީ ނިންމާފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، ކެލާގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ މި ހަރަކާތުގައި ސްކޫލް ކުދިންނާއި، ކައުންސިލް މެންބަރުންނާއި، މުވައްޒަފުންނާއި، އަދި ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށް މުހިންމު މަސައްކަތެކެވެ.