ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން ބޭއްވުނު "ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

Ad
rt

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް އަވަސްކުރުމެވެ.

މި ބައްދަލުވުމުގައި، ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކުތަކާއި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިދާރާތަކުން ބައިވެރިވިއެވެ. މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ބެލިފައިވަނީ ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމަށް އަންނަ ބަދަލުތަކަށް މާލީ އެހީތެރިކަން ދިނުން އަވަސްކުރުމާ ބެހޭގޮތުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ މި ބައްދަލުވުމުގައި، ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ތިމާވެއްޓާ ގުޅުންހުރި މާލީ އިންތިޒާމުތައް ކަމަށްވާ "ޑެޓް-ފޮރ-ކްލައިމެޓް" އަދި "ޑެޓް-ފޮރ-ނޭޗަރ" މަޝްރޫޢުތައް ކުރިއެރުވުމަށް ގޮވާލައްވާފައެވެ. އަދި ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ މަރުކަޒުތަކުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. ރައީސް ވަނީ ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ މާލީ ބޭނުންތައް ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ހުށަހަޅުއްވާފައެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި މަތީ ފެންވަރުގެ ބައިވެރިންނާ ދެމެދު އޮތް ގުޅުން ބަދަހިވެގެންދިޔަކަމަށެވެ. އަދި ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތަށް، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީއަށް ރާއްޖެއިން ކުރާ ވަކާލާތު ވަރުގަދަވުމަށް މުހިންމު ފުރުސަތެއް މި ދަތުރުފުޅުގެ ސަބަބުން ލިބިގެންދިޔަ ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.