ހުޅުމާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤްފު ޢިމާރާތް ''ދާރުއްސަލާމް''ގެ ބިންގާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.

މި މަޝްރޫޢަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދަކާ އެއްގޮތަށް، ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.

Ad
rt

މި އިމާރާތް ޢިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އާއެވެ. މީގެ އިތުރުން މާލޭގައި ޢިމާރާތް ކުރާ ދާރުލްއަރްޤަމް ވަޤްފު ޢިމާރާތުގެ މަސައްކަތްވެސް ވަނީ އާރުސީސީއާއި ހަވާލުކޮށްފައެވެ.

ދާރުއްސަލާމް އިމާރާތުގެ ޒަމާނީ ވަސީލަތްތައް

12 ބުރިއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. ޢިމާރާތުގެ ބޭސްމަންޓުގައި ޚާއްސަ ޕާކިންގ ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ. ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާއިރު، ތިން ވަނަ ފަންގިފިލާއިން ބާރަވަނަ ފަންގިފިލާއަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީންގ ރޫމް ޤާއިމް ކުރެވޭނެއެވެ. އަދި ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ މަލްޓި-ޕަރޕަސް ހޯލު ހެދުމަށް ވަނީ ހަމަޖެހިފައެވެ. ފުރާޅު ނުވަތަ ރޫފްޓޮޕްއަކީ ހުޅުވާލެވިފައިވާ ޓެރަސްއެކެވެ. މީގެ އިތުރުން މި އިމާރާތުގައި ޑޭ ކެއާރ ސެންޓަރެއް ތަރައްޤީ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޢިމާރާތުގައި ލިފްޓު ހަރުކުރުމުގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރާނެއެވެ.

މާލީ އަދި އިޤްތިޞާދީ މަންފާ

24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 244,508,842.00 ރުފިޔާއެވެ. މި މަޝްރޫޢުއަކީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫޢުއެކެވެ. މަސައްކަތް ނިމުމަށްފަހު 5 އަހަރު ދުވަހަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތް އާރުސީސީއިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ. އެގޮތުން މި އިމާރާތުން އަހަރަކު 52 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު، އާމްދަނީގެ 20 އިންސައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު، ބާކީ 80 އިންސައްތަ އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާނެއެވެ.