ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ''ނަމާދު އެޅުމުގެ ނުރައްކާތެރިކަން'' މައުލޫއަށް ގެނެސްދިން ހުތުބާގައި ނަމާދުގެ މުހިންމުކަމާއި ނަމާދު އަޅާލުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައި ވެއެވެ.
ހުތުބާގައި ބުނެފައި ވަނީ، މުސްލިމަކަށްވުމަށް ފަހު، އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދެވެ. ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދޘްކުރައްވައިފައި ވެއެވެ. (رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُوْدُهُ الصَّلَاةُ، وَذِرْوَةُ سَنَامِهِ الْجِهَادُ) މާނައީ: "ދީނުގެ ބޮލަކީ، ނުވަތަ އަސްލަކީ އިސްލާމްކަމެވެ. އަދި ދީނުގެ ތަނބަކީ ނަމާދެވެ. އަދި ދީނުގެ އެންމެ އުސް ކުރިބޯއްޓަކީ، (اللهގެ މަގުގައި) ޖިހާދުކުރުމެވެ."
ހުތުބާގައި އިތުރަށް ބުނެފައި ވަނީ ނަމާދަކީ ލޮލުގެ ފިނިކަމެއްކަމުގައި ލައްވައި، ހިތްދަތިކަމާއި ހިތާމައިން އަރައިގަތުމަށް ބާރެއްކަމުގައި ލައްވައިފައިވާ އަޅުކަމެކެވެ. މިއީ އަޅާއަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަޅުކަމެކެވެ. ކާމިޔާބާއި ނަޞްރު ލިބުމަށް މަގުފަހިކޮށްދޭ އަޅުކަމެކެވެ. އަދި ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެކެވެ. އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއްވެސް މެއެވެ. އެހެންކަމުން، ނަމާދަކީ މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެކެވެ.
ހުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ނަމާދަކީ ގަދަވެ ހެޔޮ ޙާލުގައްޔާއި ބަލި ޙާލުގައި އޮންނަ އިރުގައްޔާއި، ރަށުގައި ޤާއިމުވެ ހުންނަ އިރާއި ދަތުރުމަތީގައި އުޅޭ އިރު ވެސް ކުރުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ޙާލަތުގައި ވެސް ދޫކޮށްނުލުމަށް އަންގަވައިފައިވާ މި އަޅުކަމަށް ފަރުވާތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް މުހިންމު ކަމެކެވެ.
އިސްލާމްދީނުގައި ނަމާދަށް މިހާ މަތިވެރި މަޤާމެއް ދީފައިވާ އިރު، ނަމާދުތަކަށް ފަރުވާކުޑަކުރުމާއި ނަމާދު އެޅުމުން ދުރުހެލިވުމަކީ ކޮންމެ މުސްލިމަކު އޭނާގެ ދުވަހީ ތާވަލު އެކުލަވައިލާ އިރު ސަމާލުވާން ޖެހޭނޭ ކަމެކެވެ. ސުންނަތުގައިވަނީ، ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަމުގައި އަންގަވައިފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދޘްކުރައްވައިފައި ވެއެވެ. (اَلْعَهْدُ الَّذِيْ بَيْنَنَا وَبَيْنَهُمُ الصَّلَاةُ، فَمَنْ تَرَكَهَا فَقَدْ كَفَرَ) މާނައީ: "އެއުރެންނާއި އަހުރެމެންނާ (އެބަހީ: ކާފިރުންނާއި މުސްލިމުންނާ) ދެމެދުގައި (ތަފާތުކުރާ) ޢަހުދަކީ ނަމާދެވެ. ފަހެ، ނަމާދު އަޅައިފި މީހާ، (ދަންނާށެވެ.) ހަމަކަށަވަރުން، އޭނާ ކާފިރުވެއްޖެއެވެ."
ހުތުބާގައި ނަމާދު އެޅުމަކީ ނުހަނު ފާފަވެރިވާނެ ކަމެއްކަން ހާމަކުރަމުން، ބައެއް މީހުން ހަމައެކަނި ރަމަޟާން މަހު ނުވަތަ ހުކުރު ދުވަހު އެކަނި ނަމާދުކުރާ ކަމަށް ނުވަތަ ބައެއް ނަމާދުތައް ކޮށް އަނެއް ބައި ނުކުރާ ކަމަށް ފާހަގަކޮށްފަވެއެވެ. މިފަދަ ކޮންމެ މުސްލިމަކު ވެސް އޭނާގެ ނަފުސު ހިސާބުކޮށް، މަރު އައިސް ބައްދަލުކުރުމުގެ ކުރިން ނަފުސަށް ގެންނަންޖެހޭ ބަދަލުތަކާ މެދު ވިސްނުން އަވަސްކުރާން ޖެހޭކަމަށް ހުތުބާގައި ގޮވާލާފައިވެއެވެ.
ނަމާދު އެޅުމަކީ އެ ކަމުގެ ޢުޤޫބާތުގެ ބޮޑުކަމާއި ފާފައިގެ ބޮޑުކަން އަންގަވައިފައިވާ ކަމެއް ކަމުގައި ހުތުބާގައި ބަޔާންކޮށްފަވެއެވެ. އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ ތަޢާލާގެ ކޯފާ އަންނާނެ ކަމެއްކަން ދަންނަން ޖެހޭކަމަށާއި، ނަމާދަކީ އަޅުތަކުންނަށް ކުރެވޭ ކުދި ފާފަތައް ފުއްސަވައިދޭނެ އަޅުކަމެއް ކަމަށް ހުތުބާގައި ފާހަގަކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!