އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން، ޒުވާން ޚަޠީބުންނާ ގުޅޭ ޚާއްސަ ޑޮކިއުމެންޓްރީއެއް ކަމަށްވާ ''ރަށު ޚަޠީބުން'' މިއަދު ވަނީ ނެރެފައެވެ.

މި ޑޮކިއުމެންޓްރީއަކީ މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ މުހިއްމު އެއް ޕްރޮގުރާމު ކަމަށްވާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ސަބަބުން، ޚަޠީބުންގެ ދަތިކަން އިންތިހާއަށް އޮތް އއ. ފެރިދޫއަށް، އެ މައްސަލައަށް ހައްލު ލިބިގެން ދިޔަ ގޮތް ދައްކުވައިދޭނެ ޑޮކިއުމެންޓްރީއެކެވެ.

Ad
rt

ފެރިދޫގައި ޚަޠީބުންގެ ދަތިކަން ބޮޑުވެ، މީގެ ކުރިން ކައިރި ރަށްރަށުން ޚަޠީބުން ގެނައުމަށް އެރަށު ކައުންސިލުން ބޮޑެތި ޚަރަދުތަކެއް ކޮށް، ބުރައުފުލަން ޖެހުނެވެ. މިކަމުގެ މަޢުލޫމާތު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރަށް ހުށައެޅުއްވުމާއެކު، ވުޒާރާއިން ވަނީ ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމެއް ފަހިކޮށްދީފައެވެ. މި ޑޮކިއުމެންޓްރީގައި، މި ޕްރޮގުރާމުގެ ސަބަބުން ކައުންސިލަށް ލިބިގެންދިޔަ ލުއިފަސޭހަކަމުގެ މަޢުލޫމާތު ކައުންސިލުން ހިއްސާކޮށްފައިވެއެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ކާމިޔާބީ:

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ރާއްޖޭގެ އެކި ރަށްތަކަށް ޚަޠީބުންގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދިޔަ ޕްރޮގުރާމެކެވެ. މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި 503 ޒުވާން ޚަޠީބުން ވަނީ މި ޕްރޮގުރާމުގެ ދަށުން އުފައްދާފައެވެ. މި ކާމިޔާބީގެ ސަބަބުން، ޚަޠީބުންގެ ދަތިކަން ހުރި ގިނަ ރަށްރަށަށް މިހާރު ވަނީ ލުޔެއް ލިބިފައެވެ.

މި ޑޮކިއުމެންޓްރީގައި، ފެރިދޫއިން ހުކުރު ސަނަދު ހާސިލްކުރި ޒުވާން ޚަޠީބުންގެ އިންޓަވިއުތަކުގެ އިތުރުން، އެރަށުގެ ފާހަގަކޮށްލެވޭ އެކި ފަރާތްތަކުގެ އިންޓަވިއުތައް ވެސް ހިމެނިފައިވެއެވެ. މިއީ ޚަޠީބުންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ މުހިއްމުކަން ދައްކުވައިދޭ ޑޮކިއުމެންޓްރީއެކެވެ.