އެނބުރި ވަޑައިގަތީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށްކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރޭ ސޮއިކުރެއްވި، އެމްޑީޕީ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީ އާއި ގުޅިވަޑައިގެންނެވުމަށްފަހު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިމިވީ ފުރަތަމަފަހަރުކަމަށެވެ.
''އެނބުރި މިދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް، ބަދަލުވެފަ އޮތީ ހަމައެކަނި ޕާޓީގެން." މަހްލޫފް ވިދާޅުވެފަވެއެވެ/
އޭނާ ސިޔާސީ މަސައްކަތް ފެއްޓެވީ 2005 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވި ޑީއާރުޕީ އިން ކަމަށާއި، އެއަށްފަހު ޕީޕީއެމް އުފެއްދެވި ފައުންޑަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގެންނެވި ކަމަށް މަހްލޫފް ވިދާޅުވިއެވެ.
ޕީޕީއެމް އިން 2014 ވަނަ އަހަރު ވަކިކުރެވުމަށްފަހު، އިދިކޮޅު އިއްތިހާދާއެކު ހަތަރު އަހަރު މަސައްކަތް ކުރެއްވުމަށްފަހު 2018 ވަނަ އަހަރު އެމްޑީޕީ އާއި ގުޅިވަޑައިގެންނެވިއެވެ. އެމްޑީޕީގެ ތެރޭގައި މަހްލޫފަށް މެންބަރުންގެ ބޮޑު ލޯތްބާއި ތާއީދު ލިބުނު ކަމަށް ވިދާޅުވެ، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބި، އެންމެ މަތީ އަޣުލަބިއްޔަތުން އިންތިހާބު ކޮށްދިން ކަން މަހްލޫފް ފާހަގަކުރެއްވިއެވެ. ނަމަވެސް، އެމްޑީޕީގެ މަތިފަޑީގައި ހިނގާ ކަންކަމާ ގުޅޭގޮތުން ހިތްހަމަނުޖެހުންތަކެއް ހުރިކަން އޭނާގެ ޕޯސްޓުގައި އިޝާރާތްކުރައްވާފައިއެވެ.
މަހްލޫފް ވިދާޅުވީ، 2023 ވަނަ އަހަރުގެ އިންތިހާބަށްފަހު ސިޔާސީ ކަންކަމާ ވަރަށް ދުރުގައި ހުންނެވީ، އޭނާ އާއި މެދު ކަންކޮށްފައިވާ ގޮތުން ފޫހިވެފައިވާލެއް ބޮޑުކަމުން ކަމަށެވެ. އަދި އޭނާ 2006 އިން 2018 އަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާއިރު، ދެވަނަ ދައުރުގައި 67% ގެ އަޣުލަބިއްޔަތުން އިންތިހާބު ކޮށްދިން ކަން ފާހަގަކުރެއްވިއެވެ. ނިމިދިޔަ ސަރުކާރުގައި މަގާމެއް ހައްގުވާނަމަ އެންމެ ފުރަތަމަ ގުނާ އެކަކަށް އޭނާ ވާނެކަމަށް ވެސް ވިދާޅުވިއެވެ.
ޕީއެންސީ އަށް އެނބުރި ވަޑައިގަތުމަށް ދެއްވި ދައުވަތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށާއި ޕާޓީގެ އެންމެހާ މެންބަރުންނަށް މަހްލޫފް ޝުކުރު އަދާކުރެއްވިއެވެ. އަދި އޭނާގެ މަސައްކަތް ބަލައިގަނެ، އެކަމުގެ އަގުވަޒަންކޮށް ދައުވަތު ދެއްވުމުން ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ތާރީޚުގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމުގައި ސޮއިކޮށްލަން ލިބުމަކީ އިތުރު އުފަލެއް ކަމަށް ވެސް ވިދާޅުވިއެވެ.
މަހްލޫފް ވަނީ އޭނާގެ މި ނިންމެވުމާ ގުޅިގެން ހިތްހަމަ ނުޖެހުނު ފަރާތްތަކުން މާފަށް އެދި، މަރުހަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!