އެމްޑީޕީ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި، ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަތީފް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިރޭ ސޮއިކުރަށްވައިފިއެވެ.

10 އަހަރު އެމްޑީޕީގެ މެމްބަރެއް ގޮތުގައި ހުންނެވުމަށްފަހު މަހްލޫފް އެ ޕާޓީން ވަކިވެވަޑައިގަތީ 8 ސެޕްޓެމްބަރު 2025 ގައެވެ. އަދި އޭނާ ވަނީ ސަރުކާރާއި ގުޅެން އުޅޭކަމުގެ އިޝާރާތެއް އެއިރު ދެއްވާފައެވެ.

Ad
d

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ދެ ދައުރަކު ކުރަށްވާފައިވާ މަހްލޫފް ޕީއެންސީ އަށް ސޮއިކުރެއްވީ މިރޭ ކުރިއަށްދާ ޕީއެންސީގެ ''ދިވެހީންގެ ރާއްޖެ'' ޖަލްސާގައެވެ.

މަހްލޫފް ޕީއެންސީ އަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

10 އަހަރު ފަހުން މަހްލޫފް އެމްޑީޕީއިން ވަކިވެއްޖެ، ސަރުކާރާއި ގުޅޭކަމުގެ އަޑުތަކެއް!

މަހްލޫފްގެ ސިޔާސީ ދަތުރު ފެށިގެން އައީ ޑީއާރުޕީންނެވެ. އޭގެ ފަހުން ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވުމަށްފަހު، ރައީސް ޔާމީންގެ ވެރިކަމުގައި އެ ޕާޓީއާ ހިޔާލު ތަފާތުވުމާ ގުޅިގެން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.

މަހްލޫފް ޕީއެންސީ އަށް ސޮއިކުރެއްވުމުން، މިއީ އޭނާ ސޮއިކުރެއްވި ހަތަރު ވަނަ ސިޔާސީ ޕާޓީއެވެ.

މިރޭ ޕީއެންސީ އަށް ސޮއިކުރެއްވި އިމާދު ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. އޭނާ އަކީ ޕީއެންސީ އަށް ސޮއިކުރުމާއި ހަމައަށް ޖޭޕީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.

ޕީއެންސީ އަށް ސޮއިކުރި ބައެއް މީހުން، ފޮޓޯ: ޕީއެންސީ

މި ދެ ބޭފުޅުންގެ އިތުރުން ކުރިން އެމްޑީޕީގައި އެކްޓިވިސްޓުން ގޮތުގައި ފެނުނު ބައެއް މީހުންނާއި، ފަހުން ޑިމޮކްރެޓްސްއަށް ތާއީދުކުރާ މީހުން ގޮތުގައި ފެނުނު ބައެއް މީހުން ވެސް މިރޭ ވަނީ ޕީއެންސީ އަށް ސޮއިކޮށްފައެވެ.

Ad
df