ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.

ރައީސް މިފަދައިން ގޮވައިލެއްވީ ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ އެމަނިކުފާނުގެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މި ޕޯސްޓްގައި ރައީސް މުޢިއްޒު ވަނީ، ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ. އަދި ޢަދުލުވެރިކަމާއި އިންސާފު ޤާއިމުކުރުމަށްޓަކައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އަދިވެސް އިތުރަށް މަސައްކަތް ކުރެއްވުމަށް ވަނީ ގޮވާލައްވާފައެވެ. މި މުނާސަބަތަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރާ މަސައްކަތުގައި އެއްބައިވަންތަކަން އިތުރުކުރާ ދުވަހެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ފަލަސްތީނުގެ މިނިވަންކަން އިޢުލާނުކުރި ދުވަހުގެ މުނާސަބަތުގައި، ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު މުޙައްމަދު މުސްޠަފާއަށް ތަހުނިޔާގެ ސިޓީފުޅުތަކެއް ފޮނުއްވާފައެވެ. މި ސިޓީފުޅުތަކުގައި ދިވެހިރާއްޖެއިން ފަލަސްޠީނަށް ދޭ ތާއީދު ވަރުގަދަކަމުގެ ޔަޤީންކަން އަލުން ވަނީ ދެއްވާފައެވެ.

ފަލަސްޠީނުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި، ރައީސް މުޢިއްޒު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައާއި ވަކި ދައުލަތެއް ޤާއިމުކުރުމަށް، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ތަޢުރީފު ކުރައްވާފައެވެ. ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.

ފަލަސްޠީނުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އަނިޔާވެރިކަމާއި ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން އެއްބައިވަންތަކަމާއި ވަރުގަދަ ޢަޒުމުގައި މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިނިވަންކަމާއި ހަމަޖެހުމާއި އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް ދިވެހިރާއްޖެ އަބަދުވެސް ތާޢީދު ކުރާނެކަން ހާމަކުރައްވައި، ދެޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނުގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އަޚުވަންތަ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމަށް އެދިވަޑައިގެން ސިޓީފުޅުތައް ނިންމަވާލައްވާފައެވެ.