މިދިޔަ އަހަރުގެ އޭޕްރީލް މަހު 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހަ ވަނަ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 2025 އޮކްޓޯބަރ 09 ވަނަ ދުވަހު އެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން އިތުރު މީހަކު މިއަދު (2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ) ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި މިއަދު ހައްޔަރުކޮށްފައިވަނީ ކެނެރީގެ / ނ.މިލަދޫ، އާދަމް ވަޙީދު (54އ) އެވެ.
އާދަމް ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
ސިނގިރޭޓް ވައްކަން: ހައްޔަރުކުރި ފަސްވަނަ މީހާ ޝަރީޢަތް ނިމެންދެން ބަންދަން
އާދަމް ވަހީދަކީ މި މައްސަލާގައި ހައްޔަރުކުރި ހަ ވަނަ މީހާ އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ފަސް މީހުން ހައްޔަރުކޮށްފައެވެ.
މިގޮތުން މި މައްސަލައިގައި 15 އޮކްޓޯބަރު 2025 ގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ،
- މއ.އެވަރގްލޯރީ، ކ.މާލެ / އަހުމަދު އާރިފް (61އ)
- ދިގަލި، ބ.އޭދަފުށީ / މުހައްމަދު ވަހީދު (65އ)
- ހ.ނިއު ހެޕިނެސް، މާލެ / މުއާޒު އަލީ (48އ)
- މެދުރީގެ، ހދ. ވައިކަރަދޫ / ޒިވާރު އިސްމާއިލް (40އ)
މީގެ ތެރެއިން އަހުމަދު އާރިފް (އާއްޓޭ) އަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާއެވެ. އަދި މުހައްމަދު ވަހީދު (ދިގަލި) އަކީ އެޕޯލޯ ކުންފުނީގެ ވެރިޔާ އެވެ.
މި މައްސަލާގައި ހިމެނޭ އާއްޓޭ އާއި ޒިވާރު 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިމައްސަލާގައި ހިމެނޭ ދިގަލި ވަހީދު 10 ދުވަހަށް އަދި މުއާޒު އަލީ 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އޭގެ ފަހުން ވެސް މުއާޒުގެ ބަންދުގެ މުއްދަތު އިތުރު ކުރިއެވެ.
ސިނގިރޭޓު ވައްކަމުގެ މައްސަލާގައި ހައްޔަރުކުރި މީހުން ބަންދުކުރުމަށް ޢަމުރުކޮށްފި
އެއަށްފަހު މި މައްސަލައާ ގުޅިގެން 21 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ފަސް ވަނަ މީހާ ވަނީ ހައްޔަރުކޮށްފައެވެ. އެއީ ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ އެވެ. ޙަސަން ޢަބްދުއްރަޙްމާން ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރާނެކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!