އައްޑޫ ސިޓީގެ ތަރައްގީއަށް އެންމެ މުހިންމީ އެ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރުކުރެވޭނެ ގޮތެއް ހޯދުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ތިން ރަށެއްގައި ވަކިވަކި ކައުންސިލްތަކެއް އުފެއްދުމާ ގުޅޭ ގޮތުން އަންނަ ހޮނިހިރު ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާއިރު، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަމަކީ ''އައްޑޫ ސިޓީ ބައިބައިކުރުމުން'' ކަމަށް ސިފަކުރަށްވާފައެވެ. އަދި އެކަމުން ވަކިވަކި ރަށްތަކަށް އިތުރު ފައިދާއެއް ނުލިބޭނެ ކަމަށް ވިދާޅުވެފަވެއެވެ.

Ad
rt

ނަޝީދު ވިދާޅުވެފައިވާގޮތުގައި އައްޑޫ ސިޓީގެ ތަރައްގީއަށް އެންމެ މުހިންމީ އެ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރުކުރެވޭނެ ގޮތެއް ހޯދުމެވެ. މިގޮތުން ފަންނީ އަދި ތައުލީމީ ދާއިރާގެ ބިދޭސީންނަށް ވަކި މުއްދަތަކަށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޤާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރުމީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާ ކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއް،" ނަޝީދު ވިދާޅުވިއެވެ.

އިސްލާމީ އުއްމަތުގައި މިފަދަ ފުރުސަތުގެ ބޭނުން ހިފާނެ ޒުވާން އިންޖިނޭރުން، ޑޮކްޓަރުން، ޓީޗަރުން އަދި މިނޫންވެސް ފަންނީ މީހުން ގިނަކަމަށް ފާހަގަކުރައްވައި، އައްޑޫއަކީ 50 ހާސް މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު މި މޭރުމުން ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީ ކައުންސިލް މިހާރު މި އޮތް ގޮތަށް އެކުލަވާލީ ނަޝީދުގެ ވެރިކަމުގަ އެވެ.