ސަރުކާރުން ދެމުންދާ ސީ އެމްބިއުލެންސް ޚިދުމަތް ފުޅާކުރުމަށް ސީ އެމްބިއުލެންސް ވެސެލްތައް އިތުރުކުރުމުގެ މަޝްރޫޢެއް ފަށަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހައްދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، ލ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މާވަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، މާވަށުގެ ޖިއޮގްރަފިކަލް ގޮތުން ރަށް އޮންނަ ގޮތުން ދަތުރުފަތުރުކުރުމުގައި، އަދި ބަލިމީހުން ގޮވައިގެން ދަތުރުކުރުމުގައި ސީ އެމްބިއުލެންސްގެ ޚިދުމަތް ވަރަށް ދަތިކަމަށެވެ. މިކަމަށް ހައްލެއް ހޯއްދެވުމަށް، ސަރުކާރުގެ ކެބިނެޓުން ވަނީ އަންނަ އަހަރަށް ސީ އެމްބިއުލެންސް ފްލީޓް ބޮޑުކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ސަރުކާރުން ކެބިނެޓުގައި މަޝްވަރާކޮށް ނިންމާފައި އޮންނާނެ، މި އަންނަ އަހަރަށް ސީ އެމްބިއުލެންސް ފްލީޓް ބޮޑުކުރުމަށްޓަކައި، އިތުރު، ވަރަށް ގިނަ ސީ އެމްބިއުލެންސް ވެސެލްތައް އިތުރުކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަން. އެހެންވީމާ، އަލަށް މި އަންނަ އަހަރު ކުރިއަށް ގެންދެވޭ މި މަޝްރޫޢުގެ ތެރޭގައި، މި ރަށުގައި ޤާއިމުވެގެން އޮންނަ ސީ އެމްބިއުލެންސެއް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސާނަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މާވަށުގައި މިއަދު ފެށުނު މަޝްރޫޢުތަކާއި ސޮއިކުރެވުނު މަޝްރޫޢުތައް ނިންމައިދެއްވާނެކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

''އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެން ޢަމަލީގޮތުން ރަށުގައި ބިންގާއަޅައިގެން ފެށި 8 މަޝްރޫޢާއި، އަދި ސޮއިކުރެވިގެންދިޔަ 3 މަޝްރޫޢު ހިމެނޭހެން، މި 11 މަޝްރޫޢު، އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަކަމާއެކީގައި، އަވަސްމިނުގައި ގެންގޮސް، ނިންމައިދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.'' ރައީސް ވިދާޅުވެފައެވެ.