ޤައުމަށް ފުދޭވަރަށް ފުޑް ސެކިއުރިޓީ ޤާއިމްކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދަކީ ރާއްޖޭގައި ފާހަގަކުރާ ދަނޑުވެރިންގެ ދުވަހެވެ. މިއަދުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިންގެ މަސައްކަތުން އެނގިފައިވާކަމަށެވެ. އެހެންކަމުން، ރާއްޖޭގައި، ރާއްޖެއަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކުރެވި، ފުޑް ސެކިއުރިޓީ ޤާއިމްކުރެވޭނެކަމުގެ އުންމީދު އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
''ދަނޑުވެރީންގެ ދުވަހުގެ ހެޔޮ އެދުންތައް މި ޞިނާޢަތް ކުރިއަރުވައި ފުޅާކުރަން ހީވާގިކަމާއެކު މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގައި ގައުމަށް ފުދޭވަރަށް، ފުޑް ސެކިޔުރިޓީ ޤާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރެވޭނެކަމުގެ ފޮނި އުންމީދުތަކާއެކު'' ރައީސް ވިދާޅުވެފަވެއެވެ.
މިދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދުވެސް ވަނީ އެކްސް މެދުވެރިކުރައްވައި ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި، ރައްކައުތެރިކަން ކަށަވަރު ކުރެވިފައިވާ ދަނޑުވެރި ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ. އަދި، ދަނޑުވެރިން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، މި ސިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އެކަމަނާ ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.
ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި އުފައްދައި، ޤައުމުގައި ފުޑް ސެކިއުރިޓީ ޤާއިމްކުރުމަކީ މި ސަރުކާރުގެ އިސް ސިޔާސަތެކެވެ. އެގޮތުން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމާއި، ދަނޑުވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކޮށް، ސިނާޢަތް ފުޅާކޮށްގެން އިޤުތިޞާދު ސިންދަފާތުކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެކެވެ.
ދަނޑުވެރިންގެ ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަގަކުރަން ފެށީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން، 2020 ވަނަ އަހަރު މި ދުވަސް ފާހަގަކުރާ ތާރީޚު އޯގަސްޓު 10 އިން އޮކްޓޯބަރު 15 އަށް ބަދަލުކުރެވުނެވެ. މިގޮތަށް ބަދަލުކުރެވުނީ މި ދުވަސް އެއްގޮތަކަށް ފާހަގަކުރެވޭނެކަން ކަށަވަރުކުރުމަށާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިލުމަށްޓަކައެވެ. މިހާރު މި ދުވަސް ރަސްމީކޮށް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 15 ވަނަ ދުވަހުއެވެ.
މި ދުވަސް ފާހަގަކުރެވެނީ ދިވެހި ދަނޑުވެރިންގެ މަސައްކަތްތައް ފާހަގަކޮށް، ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ދަނޑުވެރިކަމަށް އާންމުންގެ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައެވެ. މި ދުވަސް ގިނަފަހަރު ގުޅިފައިވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޝިޢާރާއެވެ. ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވެނީ އޮކްޓޯބަރު 16 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!