ކުރިއަށް އޮތް 30 މަސް ދުވަސް ތެރޭ ށ.މިލަންދޫގެ މިހާރުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށް އައު ބަނދަރެއް ހަދައި، އެރަށު އެއާޕޯޓް ތަރައްގީކޮށް ހުޅުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި މުޚާތަބު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިލަންދޫގެ ރައްޔިތުންނަށް ދެއްވައިފައިވާ އެންމެ ބޮޑު ވަޢުދަކަށް ވާނީ އެއަރޕޯޓް އެޅުމުގެ ވަޢުދު ކަމަށެވެ. އެއަރޕޯޓް އެޅުމަކީ މި ރަށަށާއި މި ސަރަޙައްދަށް ތަރައްޤީ ގެނައުމުގަޔާއި، ދަތުރުފަތުރުގެ ދަތިކަން ހައްލުކުރުމުގައްޔާއި، އިޤްތިޞާދީ ގޮތުންނާއި އެހެނިހެން ހުރިހާ ގޮތަކުން ވެސް ވަރަށް މުހިންމު މަޝްރޫޢެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ ހުށަހެޅުން އެމަނިކުފާނު ޤަބޫލުފުޅުކުރައްވަނީ މި ރަށަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރަށުގައި އެއަރޕޯޓް އެޅޭނެ ގޮތާއި، ރަށުގެ ބިން އެންމެ ހެޔޮ ގޮތުގައި ބޭނުންހިފޭނެ ގޮތްތަކަށް ރިޢާޔަތްކުރުމަށްފަހު ސަރުކާރުން މިގޮތަށް ނިންމެވީ ކަމަށެވެ. އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ބަނދަރު އޮތްތަން އެހެން ތަނަކަށް ބަދަލުކުރަންޖެހޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމް.އޭ.ސީ.އެލް.އާ އެކީގައި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ތެރޭގައި އެއަރޕޯޓް އެޅުމަށް ކުރަންޖެހޭ ހުރިހާ ކަމެއް، ބަނދަރު ބަދަލުކުރުން ވެސް ހިމެނޭ ގޮތަށް ހިމެނިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކުމާއި، ބަނދަރު ބަދަލުކުރުމާއި، ރައްޔިތުންނަށް ބޭނުންވާނެ ފަދަ، މިހާރުގެ ބަނދަރަށް ވުރެ ފުރިހަމަ އާ ބަނދަރެއް ހެދުން ހިމެނެއެވެ. ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އެންމެ ގިނަވެގެންވެސް 8 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށާއި، މުޅި މަޝްރޫޢު، އެއީ ބަނދަރު ބަދަލުކުރުމާއި އާ ބަނދަރު ހެދުން ވެސް ހިމެނޭ ގޮތަށް، 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
'' ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދުން ފެށިގެން އެންމެ ގިނަވެގެންވެސް 8 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ. މިއަދުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި، މާނައަކީ، ދެ އަހަރާއި ބައި އެންމެ ގިނަވެގެންދާނީ މި އެއަރޕޯޓު ނިންމަން. އެހެންވީމާ، މިއަދުން ފެށިގެން އެންމެ ގިނަވެގެން، 30 މަސް ދުވަހުގެ ތެރޭގައި މި ދެންނެވި ބަނދަރު ބަދަލުކުރުމާއި، އާ ބަނދަރެއް ހެދުންވެސް ހިމެނޭގޮތަށް، މި ރަށުގައި އެއަރޕޯޓު ހަދައި، އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނަން.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!