ށ. ފީވަކުން ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި ޗަކަ ބިން އޮތުުމުން އެ ގޯތިތައް ލިބުނު މީހުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދިނުމަށް އެތަނަށް ފަސް އަޅައިދީ ރައްޔިތުންނަށް ދިރިއުޅެވޭފަދަ ތަނަކަށް ހަދައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ފީވަކަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް މުހިންމު ކިތަންމެ ކަމެއް ހުންނާނެކަމަށާއި، އެ ކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދަވާނެ ކަމަށެވެ. މީގެތެރެއިން 136 ގޯތި ފީވަކުން ދޫކޮށްފައިވީ ނަމަވެސް، ޗަކަ ސަރަޙައްދެއްގައި ގޯތިތައް އޮތުމުން ރައްޔިތުންނަށް އެތަން ބޭނުންކުރުމުގައި ދަތިތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

''އަޅުގަނޑު ފާހަގަކޮށްލަން އެއްކަމެއް ގޮތުގައި، މި ރަށުން އެބައޮތް މިހާރު 136 ގޯތި ދޫކޮށްފައި. އެހެންނަމަވެސް، އެ ގޯތިތައް ދޫކޮށްފައި އޮތް ތަނުގައި، އެ ގޯތިތައް ބޭނުންކުރުމުގައި ރައްޔިތުންނަކަށް އަދި އެހާ ފަސޭހައެއްނޫން، ޗަކަކޮށް ބިން އޮތީމަ. އާދެ، އެމް.ޓީ.ސީ.ސީ.އަށް އަޅުގަނޑު މިއަދު ވާނީ ދަންނަވާފައި، މެޝިނަރީ ބޭނުންކޮށްގެން، އެ ސަރަޙައްދަށް ފަސްއަޅައިދީ، އެތަން ހިއްކައިދީ، އެތަނަކީ ރައްޔިތުންނަށް ދިރިއުޅެވޭ ތަނަކަށް ހަދައިދިނުމަށް'' ރައީސް ވިދާޅުވެފަވެއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމް.ޓީ.ސީ.ސީ.އިން ފީވަކު ސްކޫލް މަޝްރޫޢަށް ތަކެތި މޮބިލައިޒްކުރާނެ ކަމަށާއި، މޫދަށްއެރޭ ސަރަޙައްދު ހެދުމުގެ މަޝްރޫޢެއްވެސް އެ ބޭފުޅުންނާ ހަވާލުވެފައިވާތީ، އެ މަސައްކަތްތަކަށް ތަކެތި ގެންނައިރު، ގޯތިތައް ދީފައިވާ ސަރަޙައްދު ހިއްކައި، ރަނގަޅަށް ބޭނުންކުރެވޭ ގޮތަށް ހަދައިދޭނެކަމަށެވެ.

ފީވަކު ސްކޫލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މިއަދު ވަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައި، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާފައެވެ. ރައީސް ވިދާޅުވީ، މި މަޝްރޫޢުތައް ވަރަށް ހަލުވި ދުވެލީގައި، ވަރަށް ފުރިހަމައަށް ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަމަށާއި، އޭގެ ނަތީޖާ ރައްޔިތުންނަށް ރަނގަޅު ގޮތުގައި ލިބޭނެ ކަމަށެވެ.