މާލީ ދާއިރާ ކުރިއެރުވުމަށާއި މަނިޓަރީ ގަވަރނަންސް ހަރުދަނާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއެކު މިއަދު ސްޓްރެޓެޖިކް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މަރުކަޒީ ބޭންކުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި އެމްއެމްއޭގެ ފަރާތުން ގަވަރުނަރު އަޙްމަދު މުނައްވަރު، އައިއައިޔޫއެމްގެ ފަރާތުން ރެކްޓަރ ޕްރޮފެސަރ އެމެރިޓަސް ދަތުކް ޑރ. އޮސްމާން ބަކަރ، އަދި އެމްއެންޔޫގެ ފަރާތުން ވައިސް ޗާންސެލަރ އާއިޝަތު ޝެހެނާޒް އާދަމް ސޮއިކުރެއްވިއެވެ.

Ad
rt

މި އެއްބަސްވުންތަކުގެ ދަށުން، މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ތަމްރީނު ޕްރޮގްރާމްތަކާއި އިންޓަރންޝިޕް ފުރުސަތުތަކަށް އެއްބާރުލުން ދިނުމާއެކު، މަނިޓަރީ ސިޔާސަތު ތަންފީޒުކުރުމާއި، މާލީ ނިޒާމުތައް ދިރާސާކުރުމާއި، ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ރެގިއުލޭޓްކުރުމުގެ ހުނަރުތައް ތަރައްޤީކުރެވޭނެއެވެ.

Image

އައިއައިޔޫއެމްގެ ބައިނަލްއަޤްވާމީ ތަޖުރިބާގެ އަލީގައި، އިސްލާމީ ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާއިން ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ރެގިއުލޭޓްކުރުމުގެ އޮނިގަނޑުތައް ހަރުދަނާކުރުމަށާއި އައު އިސްލާމީ މާލީ އިންސްޓްރުމެންޓުތައް ތަރައްޤީކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.

Image

މި އެމްއޯޔޫގެ ސަބަބުން އިސްލާމީ މާލީ ދާއިރާގައި ޚާއްސަ ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލުންގެ އަދަދު އިތުރުވެ، ރާއްޖޭގެ މާލީ ރެގިއުލޭޓަރީ އޮނިގަނޑު ހަރުދަނާވެ، އިސްލާމީ މާލީ އުފެއްދުންތަކާއި ޚިދުމަތްތައް އިތުރުވެ، މަނިޓަރީ ސިޔާސަތު އެކުލަވާލުމާއި ތަންފީޒުކުރުމުގައި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.