ދިވެހި ދަރިންނަކީ ކީރިތި ޤުރުއާން ކިޔަވަން ބޭނުންވާ، އަދި އެކަމަށް ފަޚުރުވެރިވާ ބަޔަކަށް ވާން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި، މުބާރާތުގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ، މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނާއި އެހެނިހެން ފަރާތްތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ގަދައަޅައި، ފޯރީގައި، ރަނގަޅަށް ތައްޔާރުވެގެން، ވަރަށް ގިނަ ބަޔަކު ބައިވެރިވެގެން، ވަނަތައް ހޯދުމަށް މަސައްކަތްކުރާނެ މުބާރާތަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކީރިތި ޤުރުއާން ކިޔެވުމަށް އަޅުގަނޑުމެންގެ ތުއްތުކުދިންނަށާއި، ހުރިހާ ކިޔަވާ ކުދިންނަށް އަދި ޖުމްލަކޮށް ހުރިހާ ފަރާތްތަކަށްވެސް ހިތްވަރުދީ، ކުރިއަށް ދިއުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ބައްޓަންކުރަން ޖެހޭނީ، ޤުރުއާނުން އަޅުގަނޑުމެންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވާ ގޮތަށް ކަމަށާއި، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ މަގުގައި ކުރިއަށް ދިއުމަށް ކަމަށް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ރައީސް ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގައި ރީތި ރާގުތަކާއި ހަމަތަކުގެ މަތިން ކުރިއަށްދިއުމަށް ސަރުކާރުން އެންމެ އިސްކަމެއް ދެނީ، އެކަމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ކަމަށެވެ. އަދި ސްކޫލްތަކުން އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި މިކަން ކަނޑައަޅައި، އެގޮތަށް މަސައްކަތްކުރުމަށް ރައީސް އެދިވަޑައިގަތެވެ.
އަމިއްލަ ޖަމްޢިއްޔާތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އަދި ޖުމްލަކޮށް، އަމިއްލަ ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އެގޮތުން، ކޮންމެ އަހަރަކުވެސް ބޭއްވޭ ޤުރުއާން މުބާރާތްތަކަކީ، ވަރަށް ގިނަ ފަރާތްތަކުން ރަނގަޅަށް ތައްޔާރުވެގެން، ރީތިކޮށް ޤުރުއާން ކިޔަވާ ކުދިންތަކެއް އުފައްދައި ބައިވެރިކޮށް، ކުރިއަށް ދިއުމަށް މަސައްކަތްކުރުމަށް ރައީސް އެދިވަޑައިގަތެވެ. ހެޔޮގޮތުގައި ކުރިއަށްދިއުމަށް ވާދަވެރިކަން އުފެއްދުމަކީ، ދީނުގައި އޮންނަ ގޮތް ކަމަށާއި، ތަޤްވާވެރިކަމުގެ ގޮތުން ނޫނީ އިންސާނުންގެ މެދުގައި ތަފާތުވުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މި މަތިވެރި މަޤްޞަދު ހާސިލުކުރުމުގައި އެންމެންވެސް އެއް ވިސްނުމެއްގައި، ޤައުމުގައި ހުރިހާ މުއައްސަސާތަކެއް، ހުރިހާ އަމިއްލަ ފަރާތްތަކެއް، މުޅި ޤައުމު އެކަތިގަނޑަކަށްވެގެން ކުރިއަށްދިއުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މި ޤައުމުގައި އެންމެ އިސްކަންދޭންޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމަށް ކަމަށާއި، އެންމެ މަތިވެރި އިނާމު ލިބެންޖެހޭނީ ކީރިތި ޤުރުއާން ރީތިކޮށް ކިޔެވުމަށް، ކިޔަވައިގެން ލިބޭ ވަނައަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ފާހަގަކުރެވުނީ މިގޮތުން ވަރަށް މުހިންމު ފެށުމެއް ކަމަށް ވިދާޅުވެ، ހުރިހާ ފަރާތްތަކުންވެސް މި މަގަށް މަސައްކަތް ކުރާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!