މާރާމާރީގެ ދެ މައްސަލައަކާއި ގުޅިގެން މާލެއިން 6 މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި މިތަނުން އެއް މާރާމާރީ ހިނގާފައިވަނީ، މި އޮކްޓޯބަރ މަހު 7 ވަނަ ދުވަހު އިރުއޮއްސި 6:10 އެހާކަންހާއިރު ސައިކަލެއްގައި ގޮސް ބޮޑު ތަކުރުފާނު މަގު ޕޯސްޓް އޮފީސް ކައިރި ހުރި މީހަކަށް ހަމަލާދީގެން ކަމަށެވެ.

Ad
rt

މިގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ޙުސައިން (22އ) އަދި ލ. މާމެންދޫ / މުރިނގު ރަޖުވާން ލަޠީފް (24އ) އެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން މި އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހު ހިނގި މާރާމާރީގައި ހައްޔަރުކޮށްފައިވަނީ، ގއ. މާމެންދޫ / މޯރާ، ޠާއިފް ރަފީޤު (26އ) އާއި ގދ. ރަތަފަންދޫ / ސަންރައިސް، އަމްސަލް ޢަބްދުﷲ (25އ) އާއި ލ. ގަން / ތުނޑި. ރޯސްބަޑް، އަޙްމަދު ނީޒާދު (29އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ) އެވެ.

ފުލުހުން ބުނެފައިވަނީ، މި މީހުން ހައްޔަރުކޮށްފައިވަނީ، މި މަހު 4 ވަނަ ދުވަހުގެ ރޭ 20:30 އެހައިކަންހާއިރު ގުރޫޕު ހަދާފައި ސައިކަލެއްގައި ގޮސް، މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެންކަމަށެވެ.

މި މައްސަލައާ ގުޅިގެން މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ހަތަރު މީހުން ވެސް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި ދެ މާރާމާރީގައިވެސް އަނިޔާވި ފަރާތްތަކަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.