އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުން ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް، އެތަންތަން ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. "ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން" ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިހާތަނަށް 78 ފަރާތަކާ ފްލެޓް ހަވާލުކޮށްފައިވާއިރު، ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ތިން ކޮޓަރީގެ ފްލެޓެއް 25,000 ރުފިޔާގެ ބޮޑު އަގެއްގައި ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިޢުލާންކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައިވެއެވެ.
މިކަމާ ގުޅިގެން އެފްޑީސީން ވަނީ އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ އެއްބަސްވުން ބާތިލުކޮށް ފްލެޓް އަތުލާނެ ކަމަށް އިންޒާރުދީފައެވެ.
އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށްދޭނަމަ ފްލެޓް އަތުލާނަން: އެފްޑީސީ
މި މައްސަލާގައި އެފްޑީސީން ނެރުނު ބަޔާނާއި ގުޅިގެން ވަޒީރު މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫންކަމަށެވެ.
''އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައި'' ވަޒީރު ވިދާޅުވެފަވެއެވެ.
ވަޒީރު ވިދާޅުވިގޮތުގައި އެގޮތުން، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެފްޑީސީގެ ފްލެޓް ދޫކުރުމުގެ އެއްބަސްވުމުގައިވާގޮތުން ފްލެޓް ލިބޭ ފަރާތަކުން އެ ފްލެޓް އެހެން ފަރާތަކަށް ކުއްޔަށް ނުދޭނެ ކަމަށާއި، ގާނޫނާއި އެއްގޮތްވާގޮތުގެމަތީން އަމަލުކުރާނެކަމުގެ ޔަގީންކަންދީފަވެއެވެ. އަދި އެ މާއްދާ (އެއްބަސްވުމުގެ 13.1.4) އާއި ޚިލާފަށް ކުއްޔަށްދޭ ޔުނިޓެއް އެހެން ފަރާތަކަށް ކުއްޔަށްދީފިކަމަށް ބުނެ ޝަކުވާއެއް ލިބިއްޖެނަމަ، އެ ޝަކުވާ ބަލައި، އެކަމަށް ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެފްޑީސީ އަށް މި އެއްބަސްވުމުގެ ދަށުން ލިބިދީފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!