ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ އެއްބަސްވުން ބާތިލުކޮށް ފްލެޓް އަތުލާނެ ކަމަށް އެފްޑީސީން މިއަދު ބުނެފިއެވެ.

އެފްޑީސީން މިހާތަނަށް 78 ފަރާތަކާ ފްލެޓް ހަވާލުކޮށްފައިވާއިރު، ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ތިން ކޮޓަރީގެ ފްލެޓެއް 25,000 ރުފިޔާގެ ބޮޑު އަގެއްގައި ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިޢުލާން ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

Ad
rt

މި މައްސަލަ ފާހަގަވުމާ ގުޅިގެން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވީ މި ފްލެޓްތަކަކީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން، ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދީގެން ދޫކުރެވޭ ފްލެޓްތަކެއް ކަމަށެވެ.

"އެއްބަސްވުމާ ޚިލާފަށް ފްލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައި ވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ،" ޙަމްދާން ވިދާޅުވިއެވެ.

އެފްޑީސީގެ ފްލެޓްތައް ކުއްޔަށް ދިނުމަކީ އެއްބަސްވުމާ ޚިލާފު ކަމެއްކަން ފާހަގަކޮށް، އެފަދަ ޢަމަލުތައް ހުއްޓުވުމަށް ކުންފުނިން މަސައްކަތް ކުރާނެ ކަމަށްވެސް އެފްޑީސީން ބުނެފައިވެއެވެ.

އެފްޑީސީގެ ފްލެޓް ދޫކުރުމުގެ އެއްބަސްވުމުގައިވާގޮތުން ފްލެޓް ލިބޭ ފަރާތަކުން އެ ފްލެޓް އެހެން ފަރާތަކަށް ކުއްޔަށް ނުދޭނެ ކަމަށާއި، ގާނޫނާއި އެއްގޮތްވާގޮތުގެމަތީން އަމަލުކުރާނެކަމުގެ ޔަގީންކަންދީފަވެއެވެ. އަދި އެ މާއްދާ (އެއްބަސްވުމުގެ 13.1.4) އާއި ޚިލާފަށް ކުއްޔަށްދޭ ޔުނިޓެއް އެހެން ފަރާތަކަށް ކުއްޔަށްދީފިކަމަށް ބުނެ ޝަކުވާއެއް ލިބިއްޖެނަމަ، އެ ޝަކުވާ ބަލައި، އެކަމަށް ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެފްޑީސީ އަށް މި އެއްބަސްވުމުގެ ދަށުން ލިބިދީފަވެއެވެ.