ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ރައީސް ޑރ. މުހައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ނިންމުން ނިންމާފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.

އެގޮތުން، ރައީސް ވިދާޅުވިގޮތުގައި 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް ބޮޑުކުރެވޭނެއެވެ.

މީގެ އިތުރުން، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް ބޮޑުކުރެވޭނެ ކަމަށްވެސް ރައީސްގެ ޕޯސްޓުގައިވެއެވެ. އަދި، ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

މި ބަދަލުތަކާއެކު ކާޑު ބޭނުންކުރާ ފަރާތްތަކަށް ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.