15 ނޮވެންބަރު 2023 ގައި އިޢުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓްކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ''ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފްލެޓްތައް ވަގަށް ވިއްކަންއުޅޭ މައްސަލަ ބޮޑުވެއްޖެ'' ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ދޮގުކޮށް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މި ލިސްޓާ އެކު ކުރެވުނު އިޢުލާނުގައިވާ ގޮތަށް ޢަމަލުކުރެވޭނެ ކަމަށާއި، ލިސްޓުން އުނިކުރެވޭނީ ހަމައެކަނި ޝަރުޠު ހަމަނުވާކަން ޔަޤީންކުރެވޭ ފަރާތްތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ގެޒެޓުގައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ. ލިސްޓަކަށް އާ ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ" ވަޒީރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ނެރުނު ލިސްޓާ ގުޅިގެން އުފެދުނު ގިނަ ޝަކުވާތަކާ ގުޅިގެން، އޭސީސީން އެ މަސައްކަތް މަޑުޖައްސާލުމަށް އަންގާފައިވަނިކޮށް ނެރެފައިވާ ލިސްޓުގައި ގާތްގަނޑަކަށް 70 ޕަސެންޓް މީހުން ފްލެޓަށް ޝަރުތު ހަމަނުވާކަން އޭސީސީން ފާހަގަކުރިއެވެ. މި މައްސަލަ ބެލުމަށް މިހާރުގެ ސަރުކާރުން ވަނީ އޭސީސީގެ ލަފަޔާއެކު ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، 4,939 ފޯމު ބަލާފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް ޝަރުތު ހަމަވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް 3,000 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މީގެ ތެރެއިން 600 އެއްހާ މީހުން ވަނީ ސެކިއުރިޓީ ޑިޕޮޒިޓް ދައްކާފައެވެ. އަދި މިހާރު ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްވެސް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ފަށައިފައެވެ.