ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ދިވެހި ޕޯސްޓްގެ ޚިދުމަތަށް 119 ވަނަ އަހަރު ފުރުމުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުޥާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ވަނީ ފޯރުކޮށްދީފަައެވެ.
''މިދިޔަ 119 އަހަރު ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ. ޕޯސްޓް ޚިދުމަތުގެ އެހާރާއި މިހާރުގެ ޓީމަށް އަހަރީ ދުވަހުގެ ޝުކުރާއި ހެޔޮއެދުން ދަންނަވަން.'' ރައީސް ވިދާޅުވެފަވެއެވެ.
ދިވެހިރާއްޖޭގެ ޕޯސްޓަލް ޚިދުމަތް
ދިވެހިރާއްޖޭގެ ޕޯސްޓަލް ޚިދުމަތް ފެށުނީ 1906 ވަނަ އަހަރުއެވެ. އެތައް ދުވަހެއްގެ މައްޗަށް، މި ޚިދުމަތަކީ މުވާސަލާތުގެ އަސާސީ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެވުނު ޚިދުމަތެކެވެ. ދިވެހިރާއްޖެ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) ގައި ބައިވެރިވީ 1967 ވަނަ އަހަރުއެވެ. އަދި އޭޝިއާ ޕެސިފިކް ޕޯސްޓަލް ޔޫނިއަން (އޭޕީޕީޔޫ) ގައި ބައިވެރިވީ 1982 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގައި ގެތަކަށް ޕޯސްޓަލް ކޯޑު ނުވަތަ ޒިިޕް ކޯޑުގެ ބަދަލުގައި ވަކި ނަމެއް ދިނުމަކީ އާންމު އާދައެކެވެ.
މޯލްޑިވްސް ޕޯސްޓްގެ 119 އަހަރު ވީ ދިގު ދަތުރު، ވިޔަފާރިތައް ކުރިއެރުމުގައި ބޮޑު ދައުރެއް
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މޯލްޑިވްސް ޕޯސްޓް ލިމިޓެޑަކީ ޤައުމީ ޕޯސްޓަލް އޮޕަރޭޓަރެވެ. މި ކުންފުނި އުފެއްދުނީ 1994 ވަނަ އަހަރު ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައެވެ. މި ކުންފުނީގެ މަޤްޞަދަކީ ޔުނިވަރސަލް ޕޯސްޓަލް ސަރވިސް އޮބްލިގޭޝަން (ޔޫއެސްއޯ) ގެ ދަށުން ރާއްޖޭގެ އެންމެހައި ސަރަޙައްދުތަކަށާއި ބައިނަލްއަޤްވާމީ ފެންވަރުގައި ޕޯސްޓަލް ޚިދުމަތް ފޯރުކޮށްދިނުމެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ހިންގަނީ އަތޮޅު ޕޯސްޓް އޮފީސްތަކާއި އޭޖެންސީ އޮފީސްތަކުގެ ވިއުގައެއްގެ ތެރެއިންނެވެ. މިގޮތުން، ރާއްޖޭގެ އާބާދީ އޮންނަ ހުރިހާ ރަށަކަށް ޕޯސްޓަލް ޚިދުމަތް ފޯރުކޮށްދެއެވެ. މި ކުންފުނީގެ މައިގަނޑު ވިޔަފާރިއަކީ މެއިލް ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. ނަމަވެސް، އިތުރު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މި ކުންފުނިން ވަނީ ފުޅާވެފައެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
އާންމު މެއިލް ޚިދުމަތް: ސިޓީއާއި ޕާރުސަލް ރާއްޖެއާއި ރާއްޖެއިން ބޭރަށް ފޮނުވުމާއި، ބަލައިގަތުމާއި، ތަރުތީބުކުރުމާއި، އުފުލުމާއި އަދި ރައްދުކުރުން.
ރަޖިސްޓަރީ ޕޯސްޓް: ކަސްޓަމަރުންނަށް ފޮނުވާ ތަކެތި ޓްރެކްކޮށް، އެ ތަކެއްޗާ ބެހޭ މަޢުލޫމާތު ސާފުކުރެވޭ ޚިދުމަތް.
އެކްސްޕްރެސް މެއިލް ސަރވިސް (އީއެމްއެސް): ތަކެތި ފޮނުވުމަށް ހުންނަ އަވަސް ޚިދުމަތް. ޚާއްޞަކޮށް ބޭރު ޤައުމުތަކުގެ ބޮޑެތި ސިޓީތަކަށް ފޮނުވުމަށް.
އީޓުކުރި: އީ-ކޮމާސް އަދި ލޮޖިސްޓިކްސް ޕްލެޓްފޯމެއް. މީގެ ތެރޭގައި ބައިނަލްއަޤްވާމީ އޮންލައިން ޝޮޕިންގ އަދި ޝިޕިންގ ޙައްލުތައް ހިމެނެނެއެވެ. މީގެ ތެރޭގައި އަމިއްލަ އެމެރިކާގެ އެޑްރެހެއް ބޭނުންކޮށްގެން މެއިލް ފޯވަރޑިންގ ޚިދުމަތްވެސް ހިމެނެއެވެ.
މާލީ އަދި އދި އޭޖެންސީ ޚިދުމަތްތައް: މި ކުންފުނިން ޕޯސްޓަލް ޚިދުމަތްތަކުގެ އިތުރުން އެހެނިހެން ޚިދުމަތްތައްވެސް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި މާލީ އަދި އޭޖެންސީ ޚިދުމަތްތައް ހިމެނެއެވެ.
މި ހުރިހާ ޚިދުމަތްތަކަކީވެސް ދިވެހިރާއްޖޭގެ މުވާސަލާތީ ވިއުގަ ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދޭ ޚިދުމަތްތަކެކެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފޯރުކޮށްދޭ މި ޚިދުމަތްތަކަކީ ޒަމާނީ ޓެކްނޮލޮޖީއާ އެއްހަމައެއްގައި ކުރިއަރަމުންދާ، އަދި ދިވެހި މުޖުތަމަޢުގެ ބޭނުންތަކަށް އަމާޒުކުރެވިގެން ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ.
ޕޯސްޓަލް ޚިދުމަތްތަކުގެ ތާރީޚީ އަދި މުހިންމު ދައުރު ދެމެހެއްޓުމާއެކު، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ޒަމާނުގައި ވެސް އެ ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޚިދުމަތްތައް ތަރައްޤީކުރަމުން ގެންދެއެވެ. މިގޮތުން، ޕޯސްޓަލް ޚިދުމަތްތަކުގެ އިތުރުން އީ-ކޮމާސް އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ވެސް އިސް ދައުރެއް އަދާކުރަމުން ގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!