މޯލްޑިވްސް ޕޯސްޓަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުއައްސަސާއެކެވެ. ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގައި މި މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

1906 ވަނަ އަހަރު ރަސްމީކޮށް ފެށުނު ޕޯސްޓްގެ ޚިދުމަތް މިއަދާ ހަމައަށް އައިއިރު ވަނީ ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައެވެ. ފުރަތަމަ ސިލޯނުގެ ސްޓޭމްޕެއްގައި މޯލްޑިވްސް ޖަހައިގެން ފެށުނު މި ޚިދުމަތް، 1909 ވަނަ އަހަރު ދިވެހިރާއްޖޭގެ އަމިއްލަ ސްޓޭމްޕް ތަޢާރަފްކުރުމާ ހަމައަށް ވަނީ ކުރިއަރާފައެވެ.

Ad
rt

1967 ވަނަ އަހަރުން ފެށިގެން ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަންގެ މެންބަރަކަށްވުމާއެކު، މޯލްޑިވްސް ޕޯސްޓަށް ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު ކުރިއެރުންތަކެއް ހޯދާފައެވެ. އީ.އެމް.އެސް ކޯޕަރޭޓިވްގެ މެންބަރުކަން ހޯދުމާއެކު، ބައިނަލްއަޤްވާމީ ފެންވަރުގައި އިތުބާރުހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

އެގޮތުން، އީޓުކުރި ލޯކަލް އަދި އިންޓަނޭޝަނަލް ޕްލެޓްފޯމްތަކަކީ ދިވެހި ވިޔަފާރިވެރިންނަށް އައު ހުޅުވުމެއް ގެނެސްދީފައިވާ ޚިދުމަތްތަކެކެވެ. މި ޕްލެޓްފޯމްތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ މާކެޓަށް ވާޞިލުވުމުގެ ފުރުޞަތު ލިބި
ރާއްޖެއިން ބޭރުން ތަކެތި އެތެރެކުރުމުގެ ފަސޭހަ ނިޒާމެއް ގާއިމްވެގެން ގޮސްފައިވާއިރު ކުދި ވިޔަފާރިތަކަށް މާކެޓިންގ ޕްލެޓްފޯމެއް ވަނީ ފަހި ވެފަ އެވެ.

މޯލްޑިވްސް ޕޯސްޓުން ކުދި ވިޔަފާރިތައް ބާރުވެރިކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ވިޔަފާރިތަކަށް ޚާއްޞަ ޑެލިވަރީ ޚިދުމަތްތަކާއި އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކާއި ކަސްޓަމްސް ކްލިއަރެންސް ޚިދުމަތްތައް އަދި ވެއަރހައުސިންގ ޚިދުމަތްތައް ހިމެނެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު، މޯލްޑިވްސް ޕޯސްޓުން ދަނީ އިތުރު ކުރިއެރުންތަކެއް ހޯދަމުންނެވެ. ޚާއްޞަކޮށް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

ގަރުނަކަށްވުރެ ދިގު މާޒީއެއްގައި، މޯލްޑިވްސް ޕޯސްޓުން ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ޚާއްޞަކޮށް ކުދި ވިޔަފާރިތައް ބާރުވެރިކުރުމުގައި އަދާކުރަމުންދާ ދައުރަކީ ފާހަގަކޮށްލެވޭ ދައުރެކެވެ. ކުރިއަށް އޮތް ތަނުގައިވެސް، އިތުރު ކުރިއެރުންތަކަކާއެކު، ދިވެހި އިޤްތިޞާދު ކުރިއެރުވުމުގައި މޯލްޑިވްސް ޕޯސްޓުން މުހިންމު ދައުރެއް އަދާކުރާނެކަން ޔަޤީނެވެ.