ހދ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަސީލަތް ތަރައްގީކުރަން ރޭ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ނޮޅިވަރަންފަރުގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކުރުމުގެ އެއްބަސްވުމުގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި މި މަސައްކަތުގެ ކޮންޓްރެެކްޓަރ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ނޮޅިވަރަންފަރުގައި ސިއްޙީ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި ސޮއިކުރި މަޝްރޫޢުގެ ތެރެއިން އެންމެ މަތީ ކެޓަގަރީގެ ސިއްޙީ މަރުކަޒެއް ޤާއިމް ކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، މިހާރުން މިހާރަށްވެސް ސިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތައް އިތުރު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
"ސްޕެޝަަލިސްޓް ބައެއް ޑޮކްޓަރުން އިތުރު ކުރުމާއި، އަދި އިތުރު މުވައްޒަފުން އިތުރު ކުރުން ފަދަ ކަންކަން ކުރިއަށް ގެންދަން ވަނީ ނިންމާފައި. މި މަޝްރޫޢު ނިމެންދެން މަޑުނުކޮށް މިހާރުވެސް އިތުރު ކުރެވޭނެ ކަންތައްތައް އަޅުގަނޑުމެން ކުރާނަން، އެކަންތައް ކުރިއަށް އޮތްތަނުގައި ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ." ރައީސް ވިދާޅުވިއެވެ.
ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 11,478,896.88 ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން ނަރުސް ސްޓޭޝަނެއް ހިމެނޭގޮތަށް، ވޯޑް، ލެބޯރެޓަރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖަކާއި ގުދަނެއް ޤާއިމްކުރެވޭނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
ނޮޅިވަރަންފަރު ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަސީލަތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ސަޢީދު މުޙައްމަދުއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރައްޒާންއެވެ.
ނޮޅިވަރަންފަރުގައި އައު ސްކޫލެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާފައިވާ އެހެން ބިމެއްގައި އައު މަޝްރޫޢެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!