ހދ. ހަނިމާދޫގައި ސަރުކާރުން ތަރައްގީކުރާ ހޮސްޕިޓަލްގެ ބިންގާ މިއަދު އަޅައިފިއެވެ.

މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫއަށް ކުރައްވާ ޒިޔާރަތުގައެވެ.

Ad
rt

ހަނިމާދޫގައި ސަރުކާރުން ތަރައްގީކުރާ ހޮސްޕިޓަލްގެ ބިންގާ އަޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. މި ހޮސްޕިޓަލް އަޅަން ބޭނުންވާ ބިން ކައުންސިލުން ވަނީ 9 ޖުލައި 2025 ގައި އެކުންފުންޏާއި ހަވާލުކޮށްފައެވެ.

ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައްދަކަށްވާއިރު، އެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ މި އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުގެ ހުޅަނގަށް އޮތް ހުސްބިމުގައި ހޮސްޕިޓަލް އެޅުމަށް އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ 550 ދުވަހުގެ ތެރޭ މަސައްކަތް ނިންމުމަށެވެ. މި ޕްރޮޖެކްޓް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 104 މިލިއަން ރުފިޔާއަށެވެ.

ހަނިމާދޫގައި ތަރައްގީކުރަން ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.