ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މިރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

މިކަމަށްޓަކައި ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ދިފާޢީ ވަޒީރު މުޙައްމަދު ޢައްސާން މައުމޫން އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރަށް ދީފައިވާ ނަމަކީ "ދަރުމަވަންތަ" އެވެ. މި މަނަވަރު ޤައުމީ ދިފާޢީ ބާރާ ޙަވާލުކޮށްދެއްވީ، ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކާދިރް ޔިލްޑްޒްއެވެ. ޤައުމީ ދިފާޢީ ބާރުގެ ފަރާތުން މަނަވަރާ ޙަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެ އަށް

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވައި، މަނަވަރުގެ ޚިދުމަތް ފެށުމުގެ ލިޔުމާއި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ޙަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި މަނަވަރާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާފައިވާއިރު، ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޢިއްޒު ވަނީ މަނަވަރު ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކުރި ޑޯގަން ކްލާހުގެ އަސްކަރީ މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދެވެ.

މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުންޏެވެ.