ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކުރި ޑޯގަން ކްލާހުގެ އަސްކަރީ މަނަވަރު އިއްޔެ ރާއްޖެ އަށް ފޯރައިފިއެވެ.
މި މަނަވަރު ރާއްޖެ އަށް ގެނެސްފައިވާއިރު، މި މަނަވަރު ބޭނުންކުރަން ފެށުމަށް މި މަނަވަރު އިފްތިތާހް ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި މަނަވަރު ރާއްޖެ ގެނެސްފައިވާކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، ސަރުކާރުގެ ބައެއް އިސްވެރިން މީސްމީޑިއާގައި އިއްޔެ ވަނީ މި މަނަވަރުގެ ފޮޓޯ ހިމަނައި، ރާއްޖެ އާއި ތުރުކީގެ ގުޅުމާމެދު ވާހަކަ ދައްކަވާފައެވެ.
މި މަނަވަރަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި، ޤާބިލްކަން އިތުރުކުރެއްވުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލްވުމަށްޓަކައި، ރަޙުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ތުރުކީ ވިލާތުން ވެދިން އެހީތެރިކަމެކެވެ. މިކަން ދިފާއީ ވުޒާރާއިން ވަނީ 13 އޭޕްރިލް 2025 ގައި ނެރުނު ބަޔާނެއްގައި ހާމަކޮށްފައެވެ.
ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އުޅަނދު ސިފައިންގެ ޚިދުމަތަށް ނެރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ.
މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލުކަން ދިވެހި ސިފައިންނަށް ލިބިގެންދިއުމެވެ.
މި އުޅަނދު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީވިލާތުގައި ދިވެހި ސިފައިން ވަނީ ތަމްރީން ވެސް ކޮށްފައެވެ.
މި މަނަވަރު ލިބުމާއެކު ދިވެހި ސިފައިންގެ ކޯސްޓްގާޑުގެ ޤާބިލްކަން އިތުރުވެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ދިވެހިރާއްޖެއާއި ތުރުކީ ވިލާތާ ދެމެދު އޮތް ބަދަހި ގުޅުމުގެ ހެއްކެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!