ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ޖައްބާރު އިސްރާޢީލުން ދެމުންދާ އަނިޔާތަކާއި ދެކޮޅުހަދައި، އެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ރާއްޖޭ އެކި ކަންކޮޅުތަކުގައި މިއަދު ދިވެހިންގެ ޝުޢޫރުތައް ބަންޑުންކޮށްލައިފިއެވެ.

ދިވެހިންނަކީ ފެށުނީއްސުރެ އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލައި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ތިބިކަން ސާބިތުކޮށްދެމުން އަންނަ ބަޔެކެވެ. މީގެ ކުރީން ވެސް އިސްރާއީލުން ދެމުންދާ އަނިޔާއާއި ދެކޮޅަށް ފަލަސްތީނަށް އިންސާފު ހޯދައިދީ، ނަސްލު ނައްތާލުމާއި، ބިންތައް ވެރިކުރުމާއި އަދި ލާއިންސާނީ އަނިޔާ އާއި ދެކޮޅަށް ދިވެހިން ވަނީ އެކިފަހަރުމަތުން ޝުޢޫރުފާޅުކޮށްފައެވެ.

Ad
rt

މިއަދު ރާއްޖޭގައި ފަލަސްތީނުގެ ހައްގުގައި ''ޤައުމީ ބޮޑު އެއްވުން'' ނަމުގައި ގެންދިޔަ ހަރަކާތަކީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އިސްވެ، ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ރަށްތަކުގެ ކައުންސިލްތަކުގެ ބޮޑު ބައިވެރިވުމަކާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވި ދިވެހިން ފަލަސްތީނާއެކު ''ޤައުމީ ބޮޑު އެއްވުން''ގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިިލް

ބޮޑު ތިލަދުންމަތީގެ ގިނަ ރަށްތަކުގައި ވެސް މި ހަރަކާތް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ހަވީރު ބޭއްވި މި ހަރަކާތުގައި ރަށްތަކުގެ ހުރިހާ އުމުރުފުރާއެއްގެ މީހުން ބައިވެރިވެ، ފަލަސްތީނާއެކު ތިބިކަން ވަނީ ދައްކާލާފައެވެ. މި ހަރަކާތުގެ ތެރެއިން ފަލަސްތީނާއި އެ ޤައުމުގެ ޣާއްޒާގައި އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް އަޑުއުފުލައި ލިޔެފައިވާ ބޯޑްތަކާއި ބެނާތައް ބޭނުންކޮށްގެން ވެސް ވަނީ ޝުޢޫރު ފާޅުކޮށްފައެވެ.

ހއ. މުރައިދޫގައި ބޭއްވި ދިވެހިން ފަލަސްތީނާއެކު ''ޤައުމީ ބޮޑު އެއްވުން''ގެ ތެރެއިން، ފޮޓޯ: ގޮފަޅި މުރައިދޫ

ވެރިރަށް މާލޭގައި މި އެއްވުން ބޭއްވީ މާފަންނު ދަނޑުގައެވެ. މި ހަރަކާތުގައި ދައުލަތުގެ ވަޒީރުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލަމުންދާ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ބައެއް މީހުންވެސް މި އެއްވުމުގައި ބައިވެރިވިއެވެ.

ރާއްޖޭގައި މިއަދު ކުރިއަށް ދިޔަ މި ހަރަކާތުގައި ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އުފައްދާފައިވާ ޔަހޫދީ ދައުލަތާއި ދެކޮޅަށް ޝުޢޫރުފާޅުކޮށް، އިސްރާއީލުން ޣައްޒާގައި ދެމުން އަންނަ ހަމަލާތަކާއި ލާއިންސާނީ އަނިޔާތައް ވަގުތުން ހުއްޓައިލުމަށް ތަކުރާރުކޮށް ގޮވައިލައިފައިވެއެވެ.

ހއ. ހޯރަފުށީގައި ބޭއްވި ދިވެހިން ފަލަސްތީނާއެކު ''ޤައުމީ ބޮޑު އެއްވުން''ގެ ތެރެއިން، ފޮޓޯ: ހޯރަފުށީ ކައުންސިިލް

7 އޮކްޓޯބަރު 2023 އިން ފެށިގެން، އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއެކު، އިސްރާއީލުގެ ޣައިރު ގާނުނީ ބާރުތަކުން އަންނަނީ ޣައްޒާގައި ނަސްލު ފޮހުމުގެ ޢަމަލުތައް ހިންގަމުންނެވެ. މި ލާއިންސާނީ އަނިޔާގައި 14 އޯގަސްޓް 2025ގެ ނިޔަލަށް 61،827 މީހުން ޝަހީދުވެ 155،275 މީހުން ޒަހަމްވެފައިވެފައިވާކަމަށް ރަސްމީ ރިޕޯޓްތަކުން ދައްކައެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން 9،000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އެތައް ގެދޮރަކާއި އިމާރާތްތައް ބިމާހަމަކޮށް ފުނޑުފުނޑުވެފައި ވުމުން ޝަހީދުވި މީހުންނާއި، ޒަޚަމްވި މީހުންނާއި އަދި ގެއްލިފައިވާ މީހުންގެ އަދަދު މިއަށްވުރެވެސް މަތިވާނެކަމަށް މަޝްރަޙް ދިރާސާކުރާފަރާތްތަކުން ލަފާކުރެއެވެ.

ށ. ނޫމަރާގައި ބޭއްވި ދިވެހިން ފަލަސްތީނާއެކު ''ޤައުމީ ބޮޑު އެއްވުން''ގެ ތެރެއިން، ފޮޓޯ: ނޫމަރާ ކައުންސިިލް

އިސްރާއީލްގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ޣައްޒާގެ އެތައް ހާސް ރައްޔިތުންގެ ގެދޮރުގެއްލި، އަމިއްލަ ވަޒަންދޫކޮށް ޓެންޓްތަކާއި ވަގުތީ ހިޔާތަކާއި މަގުތައް މަތީ ވަނީ އުޅެންޖެހިފައެވެ. މި އަނިޔާވެރިކަން އިންތިހާގައިވާއިރު، އިސްރާއީލުން ވަނީ މުޅި ޣައްޒާ ފޭރިގަނެ އަތްދަށުލުމުގެ ޕްލޭނެއް ޢިއުލާންކޮށް އެ މަގުން މަސައްކަތް ވެސް ފަށާފައެވެ.