ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިރޭ ތަސްދީޤުކުރައްވައިފިއެވެ.

މި ބިލުގައިވާ އިޞްލާޙުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ހިންގާ ވިޔަފާރީގެ ހަރަކާތްތަކުގެ ދާއިރާ ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ އުސޫލުތައް މުރާޖަޢާކުރުމާއި، ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު މާލީ މުހިންމު ކަންކަން ނިންމާނެ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ.

Ad
rt

ބިލުގައި ހިމެނޭ މުހިންމު ބަދަލުތަކުގެ ތެރޭގައި، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭނެކަމާއި، ޤާނޫނާ ތަޢާރުޟުވާ ހަރަކާތްތައް 90 ދުވަހުގެ ތެރޭގައި ހުއްޓާލަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށެވެ.

މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ބިމުން ނުވަތަ ޢިމާރާތްތަކުން ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެ ކަމަށްވެސް މި ބިލުން ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު (365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް) ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ބިން ކުއްޔަށް ދިނުމާއި، ތަރައްޤީގެ އާ މަޝްރޫޢުތައް ފެށޭނީ މާލީ ކަންކަން ހިންގާ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި އިޞްލާޙަށް ތަސްދީޤުކުރެއްވުމާއެކު، މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.