އިސްރާއީލްގެ އިސްތިއުމާރީ ސަރުކާރުން "ވިޜަން އޮފް ގްރޭޓަރ އިޒްރޭލް" ގެ ނަމުގައި އިޢުލާނުކުރި އިސްރާއީލްގެ ވަޒަންވެރިކަމުގެ އަދި އާބާދީ އިތުރުކުރުމުގެ ތަސައްވުރަށް އިންކާރުކޮށް، އެ އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ހާމަކުރަށްވައިފިއެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގަނެގެންތިބެ، އިންސާނިއްޔަތުކަމާއި މުޅިން ޚިލާފް، އަނިޔާވެރިކަމާއި ހައްދުފަހަނައަޅައިދިއުމުގެ މިސާލެއްކަމަށްވާ އިސްރާއީލުން އިތުރު ޢަރަބި ޤައުމުތަކުގެ ބިންތައް ފޭރިގަނެ އެމީހުންގެ ގްރޭޓަރ އިސްރާއީލް، ''ބޮޑު އިސްރާއީލް''ގެ ހުވަފެން ހަގީގަތަކަށް ހަދާނެކަމަށް އަންގާރަ ދުވަހު އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވައުދުވެފައެވެ.

Ad
rt

'ބޮޑު އިސްރާއީލް' [އެރެޓްޒް ޔިސްރާއެލް ހަޝްލެމާ] މި ލަފްޒު ބޭނުންކުރަން ފެށީ 1967 ގެ އަރަބި-އިސްރާއީލް ހަނގުރާމައިން ފެށިގެން، އިސްރާއީލާއި އެ ޤައުމުން އަތްގަދަ ކުރި ސަރަޙައްދުތައް، އިރުމަތީ ޖެރޫސަލަމް، ވެސްޓް ބޭންކް، ޣައްޒާ، މިސްރުގެ ސިނާއީ ޕެނިންސުލާ، އަދި ސީރިއާގެ ގޮލާން ހައިޓްސް ސިފަކުރުމަށެވެ. ނަތަންޔާހޫގެ ލިކުޑް ޕާޓީގެ އައިޑިއޮލޮޖިކަލް ކުރީގެ ލީޑަރު ޒީއެވް ޖަބޮޓިންސްކީ ފަދަ އަވަލީ ޒައިއޮނިސްޓުން މިހާރުގެ ޖޯޑަން ވެސް މީގެ ތެރޭގައި ހިމަނައެވެ.

އިސްރާއީލްގެ މި ތަސައްވުރު ކުށްވެރިކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި، މިފަދަ ތާކުންތާކު ނުޖެހޭ ބަޔާންތައް ނެރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށާއި، ހަމަ އެހެންމެ، އެއީ، ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް "ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން" ނުވަތަ މިނިވަންކަމާއެކު ސިޔާސީ ދަރަޖަ ދެނެގަނެ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ކުރިއެރުމަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޙައްޤަށް އަރައިގަތުމުގެ އަމަލެއް ކަމުގައި ވިދާޅުވެފައިވެއެވެ.

މިއާއެކު ރައީސް މުޢިއްޒު ވަނީ ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދީ، އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ފަލަސްޠީނު ރައްޔިތުން ތަހަންމަލު ކުރަމުންދާ ދަތި ހާލަތުން މިންޖުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވާފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށާއި އަދި ފަލަސްޠީނަށް އިންސާފުވެރި، ފުޅާ އަދި ދާއިމީ ސުލްޙައާއި ހަމަޖެހުމަށް އެދި މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސްގެ ޕޯސްޓުގައި ތަކުރާރުކުރައްވާފައިވެއެވެ.

މިކަމުން ދައްކުވައިދެނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށްޓަކައި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެކަމުގެ ބަދަހި އަޒުމެވެ.