ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަންގެ ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ މިދިޔަ ޖުލައި މަހު ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ކޯސް ފުރިހަމަކުރި އިލްހާމް މޫސާ/ ހދ.ހަނިމާދޫގެ އިސްނެންގެވުމުގެ މަތީން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި، ހަނިމާދޫ ޕޮލިސް ގުޅިގެން އަދި ހަނިމާދޫ ސްކޫލުގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.
ޖުމްލަ 41 ބައިވެރިންނާއިއެކު މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ހުރިހާ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައި ވަނީ ހަނިމާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ ބެޑްމިންޓަން ކޯޓުގައެވެ.
ހަނިމާދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަންގެ ތަމްރީން ޕްރޮގްރާމް ނިންމާލުން، ފޮޓޯ: ޒުވާނުންގެ ޖަމިއްޔާ
މި ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު ދެބަޔަކަށް ބަހާލައިގެން އިއްޔެ ވަނީ ބާއްވާފައެވެ. ހަވީރު ސެޝަންގެ ކުދިންގެ ނިންމުމުގެ ރަސްމިއްޔާތު ހަވީރު ބޭއްވިއިރު، ރޭގަނޑު ސެޝަންގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭގަނޑުއެވެ. ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
ހަނިމާދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަންގެ ތަމްރީން ޕްރޮގްރާމް ނިންމާލުން، ފޮޓޯ: ޒުވާނުންގެ ޖަމިއްޔާ
މި ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައި ދެއްވާފައި ވަނީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރައްވަމުން އަންނަ އަހްމަދު ވަސީމް /ހދ.ނޮޅިވަރަމް އެވެ. ވަސީމަކީ ދިވެހިރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ކުޅެ، ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2011 އިން 2016 އަށް ގައުމީ މުބާރާތްތަކުގައި ކުޅެފައެވެ. 2016 ވަނަ އަހަރު ކޯޗުކަން ކުރަން ފެށި ވަސީމަކީ 2018 ވަނަ އަހަރު ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ލެވެލް 1 ކޮލިފައިޑް ކޯޗެއްގެ ގޮތުގައި ތަމްރީނުވެފައިވާ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!