ބ. އޭދަފުށީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ރޭ ހަވާލުކޮށްފިއެވެ.

80.79 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސް މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަތޮޅުގެ ވެރިރަށް އޭދަފުށީގައެވެ.

Ad
rt

މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

720 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މި މަޝްރޫޢުގެ ދަށުން 6000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން 3200 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކަކާއި، 3000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އިދާރީ ބްލޮކެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ތަންތަނުގެ ތެރޭގައި 4000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ ކްލާސްރޫމް ބްލޮކަކާއި، ހަމަ އެ ސައިޒުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހިމެނެއެވެ.

3500 މީހުންގެ އާބާދީއެއް އޮންނަ އޭދަފުށީގައި މި ކެމްޕަސް ގާއިމުކުރެވުމުން، އެ ސަރަޙައްދުގެ ޒުވާނުންނަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އިތުރުވެގެންދާނެއެވެ. އަދި މިއީ އަތޮޅުގެ ވެރިރަށް އޭދަފުށީގެ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.