ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ހެންވޭރު ހޯސްޓްސައިޑް ޢަބްދުލްޣަނީ މުޙައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ޢަބްދުލްޣަނީ މުޙައްމަދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ހުވައިކުރެއްވުމަށްފަހު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

Ad
rt

އައު އުއްތަމަ ފަނޑިޔާރަކީ ތަޢުލީމީ ގޮތުން އަދި ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެ މަނިކުފާނު ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވަރސިޓީން އެލް.އެލް.ބީ (އޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ހާސިލުކުރައްވާފައެވެ. އަދި 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މާސްޓަރސް ޑިގްރީއެއް ހާސިލުކުރެއްވުމާއެކު، 2024 ވަނަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަކުރައްވާފައިވެއެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. މީގެއިތުރުން އެ މަނިކުފާނަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައާއި، ވިލާ ކޮލެޖް އަދި ޒިކުރާ ކޮލެޖުގައި ކިޔަވައިދެއްވި ބޭފުޅެކެވެ.

ޢަބްދުލްޣަނީ މުޙައްމަދުގެ މަސައްކަތުގެ ދިގު ތާރީޚުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ފަދަ މުހިންމު މަޤާމުތައް ފުރުއްވާފައިވެއެވެ. އަދި މިވަގުތު އެ މަނިކުފާނު ވަނީ ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީގެ ދަށުން ކިޔަވާ ވިދާޅުވަމުން ގެންދަވައެވެ.