ބޮޑެތި އަދި ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް، ސިއްހީ އެކިއެކި ހިދުމަތްތައް ހޯދަން އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރް ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ މިނިސްޓަރ ޔާސިރް މިހެން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

Ad
rt

ޔާސިރު ވިދާޅުވީ ބޭސްފަރުވާ ހޯދުމަށް އާރްޓީއެލް ފެރީގައި ކުރާ ދަތުރުތައް ހިލޭ ކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތްކުރާނީ އެ ހިދުމަތް ފޯރުކޮށްދޭ އެމްޓީސީސީއާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގުޅިގެންނެވެ.

ޔާސިރު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެ ހިދުމަތް ފެށުމާ ވަރަށް ގާތަށް މިހާރު ދެވިފައިވާ ކަމަށެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށެވެ. އެންމެ ފަހުން މި ހިދުމަތް ފަށާފައި ވަނީ ބ އަތޮޅުގައެވެ. އެ އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމާއިއެކު ކ އަތޮޅުން އުތުރުގެ ހުރިހާ އަތޮޅެއް ވަނީ އާރުޓީއެލް ފެރީގެ ހިދުމަތުން ގުޅާލާފައެވެ.