ހދ.ހަނިމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ މިހާރު ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ ކަމުގައި، ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވެއްޖެއެވެ.

މި ނޫހަށް މައުލޫމާތު ހިއްސާކުރައްވަމުން ރައީސް އަބްދުލްސައްތާރު ހަސަން ވިދާޅުވީ ހަނިމާދޫގެ ބަނދަރުގެ އުތުރުފަރާތުގެ ގޮނޑުދޮށް ގިރުމަކީ ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމުގައި ދިމާވަމުން އަންނަ ކަމެއް ނަމަވެސް މި އަހަރު އެ ސަރަހައްދު އާދަޔާ ހިލާފަށް ބޮޑަށް ގިރަމުން އަންނަ ކަމަށެވެ.

Ad
rt

އެތަނުގެ ހާލަތު މިވަގުތު އޮތްގޮތް ސިފަކޮށްދެއްވައި އޭނާ ވިދާޅުވީ ބަނދަރުގެ އުތުރުން ރަށުތެރެއަށް އަރައިގެން ދިޔުމަށް ތާރު އަޅައިގެން ތަރައްގީކޮށްފައިވާ މަގު ގިރާލުމާއި ދާދި ގާތަށް ލޮނުގަނޑުގެ އަސަރު ކުރުމާއިއެކު ކައުންސިލުން އިސްނަގައިގެން، ގިރުން ހުއްޓުވަން ކައުންސިލް ފެންވަރުގައި ކުރެވެން ހުރި މަސައްކަތްތައް މިހާރު ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ އެސްޓީއޯއިން 100 ޖަންބޯ ބޭގް ގެނެސް އެއަށް ވެލިއަޅައި އެ ސަރަހައްދުގައި ޖައްސާފައިވާ ކަމަށެވެ. އަދި އިތުރު ޖަންބޯ ބޭގް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.

ހަނިމާދޫ ގޮނޑުދޮށް ގިރާތީ ކައުންސިލުން އިސްވެ ޖިއޯ ބޭގް ޖަހާފައި، ފޮޓޯ: ސައްތާރު/ކައުންސިލް ރައީސް

އޭނާ އިތުރަށް ވިދާޅުވީ އެއީ ދާއިމީ ހައްލެއް ނޫން ކަމަށާއި، ވުމާއިއެކު އެތަނުގެ ހާލަތު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށާއި ހދ.އަތޮޅު ކައުންސިލްގެ އިދާރާގެ އިތުރުން ކައުންސިލްތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ވެސް އެކަން އެންގިފައިވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އުތުރު ފަރާތުން ގިރަމުން އަންނަ ސަރަހައްދުން ބައެއް ރުއްތަށް މިހާރު މޫދަށް ވެއްޓުމުގެ މަގުމަތީގައި ހުރިކަމަށާއި އަދި އެ ސަރަހައްދުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ތަރައްގީކޮށްފައިވާ ޕާކްގައި ހުރި ފެންވަރާ މުޑިތަކާއި ބާބެކިއު ހަޓްތައް ވެސް ގިރާލުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.