އިންސާނުންގެ ދިރިއުޅުމުގައި އެންމެ ބޮޑު ޙަޤީޤަތަކީ މަރުވުމަށްފަހު ދާއިމީ ދުނިޔެއަށް ދިއުމެވެ. އެތަނުގައި ކޮންމެ މީހަކަށްވެސް ލިބޭނީ އޭނާ ދުނިޔޭގައި ކުރި ޢަމަލުތަކުގެ ޖަޒާއެވެ. ނަރަކައަކީ ނުބައި ޢަމަލުތައް ކުރި މީހުންނަށް ލިބޭނެ ވޭންދެނިވި ޢަޛާބުގެ ދާއިމީ ގެއެވެ. ނަރަކައިގެ އަހުލުވެރިންނަށް ލިބޭ ޢަޛާބަކީ ވަރަށް ބޮޑު އަދި ހިތައްވެސް ނުގެނެވޭފަދަ ވޭންދެނިވި އެއްޗެކެވެ.

މިވޭނަށް ކެއްނުކުރެވި ނަރަކަވެރިން އެދޭ ވަރަށް ބޮޑު އެދުމެއް އޮވެއެވެ. ނަރަކައިގެ އަހުލުވެރިން އެދެނީ އެނބުރި ދުނިޔެއަށް ދިއުމަށެވެ. އެމީހުން ބުނާ ގޮތުގައި ދުނިޔެއަށް އެނބުރި ދެވިއްޖެނަމަ، ހެޔޮ ޢަމަލުތައް ކޮށް، ﷲ އަށް ކިޔަމަންތެރިވާނެއެވެ. އެހެނަސް މިއީ ހަމައެކަނި ޢަޛާބުގެ ވޭނުގައި ތިބެ ދައްކާ ވާހަކައެކެވެ. އެމީހުންނަށް އެނބުރި ދުނިޔެއަށް ދިއުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

Ad
d

ނަރަކަ ވަންތަވެރިން އަލުން ދުނިޔެއަށް ފޮނުއްވައިދިނުމަށް އެދޭނެ ކަމަށް ކީރިތި ގުރުއާނުގެ އެތައް އާޔަތެއްގައި މާތްﷲ ވަހީ ކުރައްވާފައިވެއެވެ. އެއާޔަތް ތަކުގެ ތަފްޞީރަށް ނަޒަރު ހިންގާލަން ހިގާށެވެ.

إِذْ تَبَرَّأَ ٱلَّذِينَ ٱتُّبِعُوا۟ مِنَ ٱلَّذِينَ ٱتَّبَعُوا۟ وَرَأَوُا۟ ٱلْعَذَابَ وَتَقَطَّعَتْ بِهِمُ ٱلْأَسْبَابُ (2:166) وَقَالَ الَّذِينَ اتَّبَعُوا لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا مِنَّا ۗ كَذَٰلِكَ يُرِيهِمُ اللَّهُ أَعْمَالَهُمْ حَسَرَاتٍ عَلَيْهِمْ ۖ وَمَا هُم بِخَارِجِينَ مِنَ النَّارِ (2:167)

މާތް الله ގެ ޢަޛާބު ފެނި، ތަބަޢަ ވެވުނު މީހުން ތަބަޢަވީ މީހުންގެ ކިބައިން، އަދި މަގުފުރެއްދުމުގައި އިސްކޮށް އުޅުނު މީހުން އެބައިމީހުންނަށް އެހީތެރިވެދިން މީހުންގެ ކިބައިން ބަރީއަވާ ހިނދެވެ. އަދި ދެބައިމީހުންގެ މެދުގައި އޮތް ލޯތްބާއި ކުލުނުގެ ގުޅުން މުޅީން ކެނޑިގެންދާ ހިނދެވެ. (2:166) ތަބަޢަވީ މީހުން ބުނާނެއެވެ. ދުނިޔެއަށް އަދި އެއްފަހަރު އެނބުރި ދެވޭނެ ނަމައެވެ. އެބައިމީހުން މަގުފުރެއްދި ޒައީމުންގެ ކިބައިން ބަރީއަވުމަށެވެ. ﴿ كَذَٰلِكَ يُرِيهِمُ ٱللَّـهُ أَعْمَـٰلَهُمْ حَسَرَٰتٍ عَلَيْهِمْ ۖ وَمَا هُم بِخَـٰرِجِينَ مِنَ ٱلنَّارِ﴾ އެބައިމީހުން ކުޅަ ނުބައި ޢަމަލުތައް މާތް الله އެބައިމީހުންނަށް ދައްކަވަނީ މިފަދައިންނެވެ. އިންތިހާއަށް ދެރަވުމާއެކު، އެމީހުންގެ ހިތްތައް މޮޅިއާއި ހިތާމައާއި އެކު ވާހިނދު، ލޮލުން ފައިބާ ކަރުނަތަކެކެވެ. އެމީހުން ދުވަހަކުވެސް ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައި ނުވެއެވެ. (2:167)

وَلَوْ تَرَىٰ إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلَا نُكَذِّبَ بِآيَاتِ رَبِّنَا وَنَكُونَ مِنَ الْمُؤْمِنِينَ (6:27) بَلْ بَدَا لَهُم مَّا كَانُوا يُخْفُونَ مِن قَبْلُ ۖ وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ وَإِنَّهُمْ لَكَاذِبُونَ (6:28)

އެބައިމީހުން ނަރަކައިގެ ކުރިމަތީގައި ބޭތިއްބުމުން، ތެދުވެރި އީމާނަކުން އީމާންވެ، އެންމެ ފަހުގެ ނަބިއްޔާގެ މައްޗަށް ބާވައިލެއްވުނު ޤުރްއާން ދޮގުނުކުރަން އެބައިމީހުން ދުނިޔެއަށް އެނބުރިދާން އެދޭ ހިނދު ކަލޭގެފާނު އެބައިމީހުން ދެކެވަޑައިގަންނަވާނެނަމައެވެ. لو ގެ ޖަވާބު ފޮރުވިފައިވަނީ ކަމުގެ ބޮޑުކަން ހާމަކުރުމަށެވެ. މާނައީ: ބިރުން ގޮސް އިސްތަށިތައް ނުރަވެ، ހަށިތައް ތުރުތުރު އަޅާވަރުގެ ބިރުވެރި މަންޒަރެއް ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. (6:27) އަދި ކިއެއްތަ، އެބައިމީހުން ހީވެސް ނުކުރާ ކަހަލަ ޢަޛާބުގެ ވައްތަރުތައް އެބައިމީހުންނަށް ފެނުނެވެ. އެބައިމީހުންގެ ޢަމަލުތައް އިޞްލާޙުކޮށް، ކުރެވުނު ކުށްތައް ރަނގަޅުކުރަން ދުނިޔެއަށް އެނބުރިދާން އެބައިމީހުން އެދުނީ އެހެންވެއެވެ. އެބައިމީހުން ދުނިޔެ އަށް އަލުން ފޮނުއްވި ނަމަ، އެބައިމީހުން ކާފިރުކަމަށް އެނބުރި ދިޔައީހެވެ. އީމާންކަމަށް އެބައިމީހުން ކުރާ ދަޢުވާއަކީ ދޮގު ދަޢުވާއެކެވެ. (6:28)

هَلْ يَنظُرُونَ إِلَّا تَأْوِيلَهُ ۚ يَوْمَ يَأْتِي تَأْوِيلُهُ يَقُولُ الَّذِينَ نَسُوهُ مِن قَبْلُ قَدْ جَاءَتْ رُسُلُ رَبِّنَا بِالْحَقِّ فَهَل لَّنَا مِن شُفَعَاءَ فَيَشْفَعُوا لَنَا أَوْ نُرَدُّ فَنَعْمَلَ غَيْرَ الَّذِي كُنَّا نَعْمَلُ ۚ قَدْ خَسِرُوا أَنفُسَهُمْ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ (7:53)

ޤުރްއާން ދޮގުކުރާ، އަދި އެންމެ ފަހުގެ ރަސޫލާ މުޙައްމަދު ﷺ ގެ ރަސޫލުކަން ޤަބޫލުކުރުމަށް ދެކޮޅު ހަދާ، މައްކާގެ އަބާއްޖަވެރި އަހުލުވެރިން އެބައިމީހުންނަށް އެފޮތުގައި އިންޒާރުކުރެވިފައިވާ ޢަޛާބު އައުމަށް މެނުވީ އިންތިޒާރު ނުކުރެއެވެ. އެބައިމީހުންނަށް މާތް ﷲޢަޛާބުދެއްވުމަށް ވަޢުދުވެވަޑައިގަތް ޢުޤޫބާތުގެ ދުވަސްކަމުގައިވާ ޤިޔާމަތް ދުވަސްއައުމުން، ޤުރްއާން ބޭކާރު އެއްޗަކަށް ހަދައި، އެއަށް ޢަމަލު ނުކުރި މީހުން ބުނާނެއެވެ. ރަސޫލުބޭކަލުން ތެދު ޚަބަރާއިގެން އަހަރުމެންގެ ގާތަށް ވަޑައިގެން އަހަރުމެންނަށް އެބޭކަލުންގެ ދަޢުވަތު ހުށަހަޅުއްވައި ނަސޭހަތް ދެއްވިއެވެ. އަހަރުމެން އެބޭކަލުންގެ ވާހަކަފުޅުތަކަށް އީމާންނުވީމެވެ. އެންމެ ފަހުން ޖަޒާގެ ވަގުތު އައިސް ޖެހުނީއެވެ. އެބައިމީހުން ކުރި ކަންތަކާމެދު ދެރަވެ ހިތާމަކުރާ ޙާލު އެބައިމީހުން ބުނާނެއެވެ. އަހަރުމެން މިއަދު މި ގިލަންވެރިކަމާއި، ޢަޛާބުން ސަލާމަތްކޮށްދޭން އަހަރުމެންނަށް ޝަފާޢަތްތެރިވާނޭ އެއްވެސް ފަރާތެއް ވޭ ހެއްޔެވެ؟ ނުވަތަ އަހަރުމެން ކުރަމުން ދިޔަ ޝިރުކާއި، ފާފައާއި، ހުތުރު ޢަމަލުގެ ބަދަލުގައި ހެޔޮ ޢަމަލުކުރުމަށް އަހަރުމެންނަށް ދުނިޔެއަށް އެނބުރި ދެވޭނެ ހެއްޔެވެ؟ ދެން މާތް ﷲބަޔާންކުރައްވަނީ އެބައިމީހުން އެދުނު ކަންތައް އެއްވެސް ޙާލެއްގައި އެބައިމީހުންނަށް ޙާޞިލުނުވާނެ ކަމުގައެވެ. އެހެންކަމުން އެކަލާނގެ ވަޙީކުރައްވަނީ އެބައިމީހުން ދުނިޔޭގައި ވީ ހަމަ މޮޔައިން ކަމުގައެވެ. އަމިއްލަ ނަފުސު ގެއްލުވާލައި، ޢުމުރު ބޭކާރުކުރީ ދުނިޔަވީ އެދުންތަކާއި އުފާތަކުގައެވެ. އަދި އެބައިމީހުންނަށް ޝަފާޢަތްތެރިވާނެކަމަށް އެބައިމީހުން ދަޢުވާކޮށްއުޅުނު ކަލާނގެތައްވެސް ގެއްލުނީއެވެ. (7:53)

فَكُبْكِبُوا۟ فِيهَا هُمْ وَٱلْغَاوُۥنَ ﴿٩٣﴾ وَجُنُودُ إِبْلِيسَ أَجْمَعُونَ ﴿٩٥﴾ قَالُوا۟ وَهُمْ فِيهَا يَخْتَصِمُونَ ﴿٩٦﴾ تَٱللَّهِ إِن كُنَّا لَفِى ضَلَـٰلٍ مُّبِينٍ ﴿٩٧﴾ إِذْ نُسَوِّيكُم بِرَبِّ ٱلْعَـٰلَمِينَ ﴿٩٨﴾ وَمَآ أَضَلَّنَآ إِلَّا ٱلْمُجْرِمُونَ ﴿٩٩﴾ فَمَا لَنَا مِن شَـٰفِعِينَ ﴿١٠٠﴾ وَلَا صَدِيقٍ حَمِيمٍ ﴿١٠١﴾ فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ ٱلْمُؤْمِنِينَ ﴿١٠٢﴾ (ސޫރަތުލް ޝުއަރާގެ 94 ވަނަ އާޔަތުން 102 ވަނަ އާޔަތުގެ ނިޔަލަށް)

﴿كُبْكِبُوا۟﴾ އަކީ ބޯކޮޅުވަތަށް ވައްޓައިލުމެވެ. މާނައީ އެބައިމީހުންގެ މަގުފުރެދިފައިވާ ބޮޑުންނާއެކު އެބައިމީހުންގެ ބޯކޮޅުވަތަށް ނަރަކައިގެ ތެރެއަށް އެއްލައި، ހިލަތަކެއް ފުރޮޅާ ފަދައިން ފުރޮޅޭނެއެވެ. (94، 95) ނަރަކައިގައި ތިބެ އަރައިރުންވެ ޒުވާބުކުރަމުން އަޅުކަންކުރި މީހުން އެބައިމީހުން އަޅުކަންކުރި ބޮޑުންނަށް ބުނާނެއެވެ. (96) މާތް ﷲ ގަންދީ ބުނަމެވެ. އަހަރުމެންތިބީ ސާފު މަގުފުރެދުމެއްގައެވެ. އަދި ފާޅުގައި ޙައްޤާ ދުރުވެފައެވެ. (97) އަހަރުމެން ޢާލަމްތަކުގެ ވެރިރަސްކަލާނގެއާއެކު ތިޔަބައިމީހުންނަށް އަޅުކަންކޮށް، އަޅުކަންކުރުން ޙައްޤުވުމުގައި އެކަލާނގެއާ ތިޔަބައިމީހުން ހަމަހަމަކޮށްގެން އުޅުނު ހިނދުގައެވެ. (98) ހިދާޔަތާއި އީމާންކަމުން އަހަރުމެން މަގުފުރެއްދީ ވެރިންނާއި ބޮޑުން ފިޔަވައި އެހެން ބައެއް ނޫނެވެ. އެބައިމީހުން އަހަރުމެންނަށް ކާފިރުކަމާއި ފާފަތައް ޒީނަތްތެރިކޮށް ދެއްކުމުން އަހަރުމެން އެބައިމީހުންނަށް ތަބަޢަވީއެވެ. (99) މި ބޮޑު ދުވަހުގެ ބިރުވެރިކަމުން ސަލާމަތްކުރުމަށް އަހަރުމެންނަށް ޝަފާޢަތްތެރިވާނޭ ބަޔަކު މިއަދު އަހަރުމެންނަށް ނުވެއެވެ. (100) އަދި މާތް ﷲގެ ޢަޛާބުން އަހަރުމެން ސަލާމަތް ކޮށްދޭނޭ އިޚްލާޞްތެރި ތެދުވެރި ރަޙްމަތްތެރިއަކުވެސް އަހަރުމެންނަށް ނުވެއެވެ. (101) އަހަރުމެން އީމާންވެ، ޢަމަލުތައް ރަނގަޅުކޮށް އަހަރުމެންގެ ވެރިރަސްކަލާނއަށް ކިޔަމަންވާން އަހަރުމެންނަށް އަދި އެއްފަހަރު ދުނިޔެއަށް އެނބުރި ދެވޭނެނަމައެވެ. (102)
(ސޫރަތުލް ޝުއަރާގެ 94 ވަނަ އާޔަތުން 102 ވަނަ އާޔަތުގެ ނިޔަލަށް)

وَلَوْ تَرَىٰٓ إِذِ ٱلْمُجْرِمُونَ نَاكِسُوا۟ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أَبْصَرْنَا وَسَمِعْنَا فَٱرْجِعْنَا نَعْمَلْ صَـٰلِحًا إِنَّا مُوقِنُونَ (32:12)

ފާފަވެރިން ޤިޔާމަތް ދުވަހު އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދެރަވެ، ލަދުން އިސްޖަހައިގެން ތިބޭތަން ތިބާއަށް ފެންނާނެ ނަމައެވެ. لو ގެ ޖަވާބު ވަނީ އުނި ކުރައްވާފައެވެ. އެއީ، ތިބާއަށް ބިރުވެރި މަންޒަރެއް ފެންނާނެއެވެ. އަދި ތިބާ ޢަޖާއިބުން ޢަޖާއިބު ވާވަރުގެ ކަމެއް ފެންނާނެއެވެ. އެބައިމީހުން ބުނާނެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ޙަޤީޤަތް ފެނިއްޖެއެވެ. އަދި ރަސޫލުބޭކަލުންގެ ވާހަކަފުޅުތަކުން އަޅަމެން ޤަބޫލުނުކުރި ވާހަތައް އަޅަމެންނަށް އަޑުއިވިއްޖެއެވެ. މީގެ ކުރިން އަޅަމެންވީ ކަނު ބީރު ބައެއް ކަމުގައެވެ. އެހެންކަމުން އަޅަމެން ހެޔޮ ޢަމަލުކުރުމަށް އަޅަމެން ދުނިޔެއަށް އަނބުރައި ފޮނުއްވައިދެއްވާނދޭވެ. އަޅަމެން އިބަރަސްކަލާނގެއަށް އަޅުކަންކުރާނަމެވެ. އަދި ޝިރުކު ނުކުރާނަމެވެ. އަޅަމެން މިހާރު އިބަރަސްކަލާނގެ އެއްކައުވަންތަކަމާއި، ވޮޑިގެންވާކަން ޔަޤީންކޮށް ތެދު ކުރަމެވެ. (32:12)

أَوْ تَقُولَ حِينَ تَرَى ٱلْعَذَابَ لَوْ أَنَّ لِى كَرَّةً فَأَكُونَ مِنَ ٱلْمُحْسِنِينَ (39:58)

ނުވަތަ އެ ފާފަވެރި ނަފުސަށް ޢަޛާބު ފެންނަ ހިނދު، ތިމަން މާތް ﷲއަށް ކިޔަމަންތެރިވެ، ހެޔޮ ޢަމަލުކުރަން ތިމަންނާއަށް ދުނިޔެއަށް އެނބުރިދެވޭނެނަމައޭ ބުނަންޖެހިދާނެތީއެވެ. އިބްނުކަޘީރު ވިދާޅުވިއެވެ. "ފާފަވެރިޔާ ދެރަވެ ހިތާމަކުރާ ޙާލު، މާތް ﷲއަށް ކިޔަމަންވެ އިޚްލާޞްތެރިވެ ހެޔޮ ޢަމަލު ކުޅަ މީހުންގެ ތެރެއިން ވީނަމައޭ އޭނާ ހިތަށް އަރާނެއެވެ." ޙަދީޘުގައި އައިސްފައި ވެއެވެ. عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " كُلُّ أَهْلِ النَّارِ يُرَى مَقْعَدَهُ مِنَ الْجَنَّةِ، فَيَقُولُ : لَوْ أَنَّ اللَّهَ هَدَانِي. فَيَكُونُ عَلَيْهِمْ حَسْرَةً ". (مسند أحمد، ج: 16، ص: 381 ) (އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ޙަދީޘުކުރެއްވިއެވެ. ”ނަރަކައިގެ ހުރިހާ އަހުލުވެރިންނަށް، ސުވަރުގޭގައި އޭނާއަށް ކަނޑައެޅިފައި ހުރި ތަން ފެންނާނެއެވެ. ދެން އޭނާ ބުނާނެއެވެ. ﴿لَوْ أَنَّ ٱللَّـهَ هَدَىٰنِى﴾ (މާތް ﷲ މިއަޅާއަށް ތެދުމަގު ދެއްކެވިނަމަ.....) އެކަންވާނީ އޭނާ ކުރާ ހިތާމައަކަށެވެ.“) (މުސްނަދު އަޙްމަދު، ޙަދީޘު: 10652) ކާފިރު މީހާ ފުރަތަމަ ހިތާމަކުރާނެއެވެ. ދެން، ބަލިކަށި ޙުއްޖަތްތަކަކުން ދަލީލުދައްކާނެއެވެ. ދެން ދުނިޔެއަށް ދެވޭނެނަމައޭ ހިތަށް އަރާނެއެވެ. އޭނާ ދުނިޔެއަށް އަލުން ފޮނުއްވިނަމަ، އޭނާ ކާފިރުކަމާއި، މަގުފުރެދުމަށް އެނބުރި ދިޔައީހެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ وَإِنَّهُمْ لَكَـٰذِبُونَ﴾ (އަދި އެއުރެން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެއުރެންނަށް ނަހީކުރެއްވި ކަންތަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން، އެއުރެންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ.) އޭނާގެ މިވާހަކައަށް ކީރިތިވަންތަ ރަސްކަލާނގެ ޖަވާބުދެއްވަނީ މިފަދައިންނެވެ. (39:58)

وَمَن يُضْلِلِ ٱللَّـهُ فَمَا لَهُۥ مِن وَلِىٍّۢ مِّنۢ بَعْدِهِۦ ۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُا۟ ٱلْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّۢ مِّن سَبِيلٍ (42:44) وَتَرَىٰهُمْ يُعْرَضُونَ عَلَيْهَا خَـٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرْفٍ خَفِىٍّۢ ۗ وَقَالَ ٱلَّذِينَ ءَامَنُوٓا۟ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِى عَذَابٍ مُّقِيمٍ (42:45)

މާތް ﷲ އެމީހަކު ސީދާމަގުންނާއި ހިދާޔަތުގެ މަގުން އެއްކިބާކުރައްވައި، މަގުފުރައްދަވައިފި މީހާ ދަންނާށެވެ. ފަހެ، އޭނާއަށް ވާގިވެރިއަކު ނުވެއެވެ. އަދި މާތް ﷲއަށް ފަހު، ޙައްޤު މަގަށް އޭނާއަށް މަގުދައްކާނެ މީހަކު ނުވެއެވެ. ﴿وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُا۟ ٱلْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّۢ مِّن سَبِيلٍ﴾ މިތަނުގައި އަނިޔާވެރީންގެ މުރާދަކީ ކާފިރުންނެވެ. އަބަދުގެ އަބަދަށް ނަރަކައިގައި ތިބޭނޭ ބަޔަކީ އެބައިމީހުން ކަމުގައި ވާތީއެވެ. މާނައީ ކާފިރު އަބާއްޖަވެރިންނަށް ނަރަކައިގެ ޢަޛާބު ފެނި އެބައިމީހުން އޭގެ ރަހަދެކޭ ހިނދު، މާތް ﷲއަށް ކިޔަމަންވެ ހެޔޮ ޢަމަލުކުރުމަށް އެބައިމީހުން އަލުން ދުނިޔެއަށް ފޮނުއްވުމަށް އެދޭ ތަން ތިބާ ދެކޭނެއެވެ. އެބައިމީހުން ދަންނަވާނެއެވެ. އަޅަމެން ކޮށް އުޅުނު ޢަމަލުތައް ދޫކޮށް، ހެޔޮޢަމަލު ކުރުމަށް އަޅަމެނަށް ދުނިޔެއަށް އެނބުރި ދެވޭނެ ގޮތެއް ނެތްތޯއެވެ؟ (42:44) އެ އުނދަގޫ ދުވަހު އެބައިމީހުން ދެރަވެ ނިކަމެތިވެގެންވާ ތަން ތިބާއަށް ފެންނާނެއެވެ. އެބައިމީހުން ލަވައި ނަރަކައަށް ގެންދަވާ ހިނދު ބިރުންތިބެ އެބައިމީހުން ވައްކަޅިން ބަލާނެއެވެ. އޭނާއަށް ހަމަ ލޮލުން އެއަށް ބަލަން ނުކެރިގެން، ކުށްވެރިއަކު ކަނޑިއަށް ނުވަތަ ދަންޖައްސާ ވާގަނޑަށް ބަލާ ފަދައިންނެވެ. ﴿وَقَالَ ٱلَّذِينَ ءَامَنُوٓا۟ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِى عَذَابٍ مُّقِيمٍ﴾ ކާފިރުންނަށް ޖެހިފައިވާ ޙާލުފެނުމުން، މުއުމިނުން ސުވަރުގޭގައި ތިބެގެން ބުނާނެއެވެ. ޙަޤީޤީ ގެއްލެނިވުމަކީ، އަމިއްލަ ނަފުސުތަކާއި، އަހުލުވެރިން ގެއްލެނިކޮށްލައި މިއަދު ޙާލުގައި ޖެހި ނިކަމެތިވެފައި އެތިބަ މީހުން ނަރައިގެ އަލިފާނުގައި އަބަދުގެ އަބަދަށް ތިބެންޖެހުމުން ވާ ގެއްލެނިވުމެވެ. ފަހެ، އެބައިމީހުން ވާހުށީ މެދުކެނޑެމެއް ނެތް ދާއިމީ ޢަޛާބެއްގައެވެ (42:45)

ނިކަން ފުންކޮން މަތީގައި އެވާ އާޔަތްތަކާއި މެދު ވިސްނާ ފިކުރުކޮށްލާށެވެ. ނަރަކައިގެ އަޙުލުވެރިން ގެ އެދުމަކީ އެނބުރި ދުނިޔެއަށް އައުމެވެ. މަރުވުމަށް ފަހު އަމަލުގެ ފަތް ލެއްޕޭނެއެވެ. އެއަށް ދެން އިތުރެއްވެސް އުންޏެއްވެސް ނުގެނެވޭނެ އެވެ. "ދުނިޔެއަށް އަދި އެއްފަހަރު އެނބުރި ދެވޭނެ ނަމައެވެ." ނަރަކަވެރިން އެދޭ އެންމެ ބޮޑު އެދުމުގައި މިއަދު ތިހުރީ ތިބާއެވެ. އެންމެ ފަހުގެ ނަބިއްޔާގެ މައްޗަށް ބާވައިލެއްވުނު ޤުރްއާން ދޮގުނުކުރަން އެބައިމީހުން ދުނިޔެއަށް އެނބުރިދާން އެދޭ ހިނދު، ތިބާ އެންމެ ފަހުން އެ ޤުރުއާން ކިޔެވީ ކޮން އިރަކު ހެއްޔެވެ. އެބައިމީހުންގެ ޢަމަލުތައް އިޞްލާޙުކޮށް، ކުރެވުނު ކުށްތައް ރަނގަޅުކުރަން ދުނިޔެއަށް އެނބުރިދާން އެބައިމީހުން އެދުނީ ނަރަކަ އަކީ ދާއިމީ ގޮވައްޗަކަށް ހާދަ ނުބައި ތަނަކަށް ވީމައެވެ.

"އަހަރުމެން ކުރަމުން ދިޔަ ޝިރުކާއި، ފާފައާއި، ހުތުރު ޢަމަލުގެ ބަދަލުގައި ހެޔޮ ޢަމަލުކުރުމަށް އަހަރުމެންނަށް ދުނިޔެއަށް އެނބުރި ދެވޭނެ ހެއްޔެވެ؟" މި ސުވާލު ތިބާ މިއަދު ނުކުރަނީ ތިބާ މިއަދު ތިހުރީ ދުނިޔޭގައި ކަމުގައި ވާތީއެވެ. ނަމަވެސް، އަހަރުމެން އީމާންވެ، ޢަމަލުތައް ރަނގަޅުކޮށް އަހަރުމެންގެ ވެރިރަސްކަލާނއަށް ކިޔަމަންވާން އަހަރުމެންނަށް އަދި އެއްފަހަރު ދުނިޔެއަށް އެނބުރި ދެވޭނެނަމައޭ ބުނެގެން ވާނެ ފައިދާއެއް އެދުވަހުން ނޯންނާނެއެވެ. އެހެންކަމުން އަޅަމެން ހެޔޮ ޢަމަލުކުރުމަށް އަޅަމެން ދުނިޔެއަށް އަނބުރައި ފޮނުއްވައިދެއްވާނދޭވެކިޔާ އެމީހުން ގޮވަމުން ދާއިރު، ތިބާ މިއަދު ތިހުރީ އެ ދުނިޔޭގަ އެވެ. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. ކޮއްތު ތައްޔާރު ކުރާށެވެ. ފަހުން ދުނިޔެ އަށް ފޮނުއްވައި ދިނުމަށް އެދޭ މީހުންގެ ތެރޭގައި ތިބާ ނުވުމަށް އަޒުމު ކަނޑައަޅާށެވެ.

ހިތާމަ އަކީ، ދުނިޔޭގައި ދިރިތިބޭ މީހުން އުޅެނީ މަޖައާއި އުފަލުގައެވެ. އެހެނަސް މިއީ ވަގުތީ އުފަލެކެވެ. މިއުފާ ދެމިގެންދާނީ މަރުވަންދެނެވެ. އެހެންކަމުން މިއުފަލުގައި ޣާފިލުވެ، އާޚިރަތް ހަނދާން ނައްތާލުމަކީ ވަރަށް ބޮޑު ގެއްލުމެކެވެ. ދުނިޔެއަކީ އިމްތިޙާނުގެ ގެއެކެވެ. މިތަނުގައި ކޮންމެ މީހަކުވެސް އިމްތިޙާނު ކުރެވެމުންދެއެވެ. މުއްސަނދިކަމާއި، ފަޤީރުކަމާއި، ބަލިމަޑުކަމާއި، ދުޅަހެޔޮކަމާއި، އުފަލާއި، ހިތާމައަކީވެސް އިމްތިޙާނުގެ ބައިތަކެވެ. މިކަންކަމުގައި ކެތްތެރިވެ، ﷲ އަށް ޝުކުރުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.

Ad
df

ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ އެއްޗެކެވެ. އާޚިރަތަކީ ދާއިމީ ގެއެވެ. އެހެންކަމުން ދުނިޔޭގެ ވަގުތީ އުފަލުގައި ޣާފިލުވެ، އާޚިރަތް ހަނދާން ނައްތާލުމަކީ ވަރަށް ބޮޑު މޮޔަކަމެކެވެ. ކޮންމެ މީހަކުވެސް އަބަދުވެސް ވިސްނަންވާނީ އާޚިރަތުގައި އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ދުނިޔޭގައި ކުރަންޖެހޭ ހެޔޮ ޢަމަލުތައް ކުރުމަށެވެ.