މަތީ ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް 11 ދަރިވަރުންނަށް، ހައިއެޗީވަރސް ސްކޮލަރޝިޕް 87 ދަރިވަރުންނަށް ލިބިއްޖެއެވެ.

ރޭ ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު 2024" ގެ ފަސްވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެއެވެ. މި ދަންފަޅީގައި މަތީ ޘާނަވީއާއި ޘާނަވީ އިމްތިޙާނުތަކުން އެންމެ މޮޅު ނަތީޖާ ހާސިލުކުރި ދަރިވަރުންގެ އަގު ވަޒަންކޮށް، އިނާމުދީފަވެއެވެ.

Ad
rt

މާލޭގެ ޒުވާނުންގެ މަރުކަޒުގައި އޮތް މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ އިމްތިޙާނުން އެންމެ މޮޅު ދިހަ ނަތީޖާ ހޯދި ދަރިވަރުންނާއި، ޘާނަވީ އިމްތިޙާނުތަކުން އެއްވަނަ ނަތީޖާ ހޯދި ދަރިވަރުންނާއި، މި ދެ އިމްތިޙާނުން ބައިނަލްއަޤްވާމީ ފެންވަރުގެ އެވޯޑުތައް ހޯދި ދަރިވަރުންނަށް އިނާމު ދިނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މަތީ ޘާނަވީ އިމްތިޙާނުން ދުނިޔެއިން އެއްވަނަ ހޯދައި "އައުޓްސްޓޭންޑިންގ ޕިއަރސަން ލަރނަރ އެވޯޑް" ހާސިލުކުރި ދެ ދަރިވަރަކަށް އެވޯޑު ހަވާލުކޮށްދެއްވާފައެވެ. އަދި ޘާނަވީ އިމްތިޙާނުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހޯދި 57 ދަރިވަރުންނަށާއި، ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދި 21 ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވިއެވެ.

މީގެ އިތުރުން، މަތީ ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބޭ 11 ދަރިވަރުންނަށް، އިނާމާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވިއެވެ.

މަތީ ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ލިބުނު ޖަލާލުއްދީން ސްކޫލްގެ އަޙުމަދު ޔާސީން އިބްރާހީމް، ފޮޓޯ: ޖަލާލުއްދީން ސްކޫލް

މަތީ ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް 11 ދަރިވަރުންގެ ތެރޭގައި ހދ. ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނެއެވެ. އެއީ އެ ސްކޫލްގެ އަޙުމަދު ޔާސީން އިބްރާހީމް އެވެ.

ރީޗެކް ނަތީޖާއަށްފަހު 2024 އޮކްޓޯބަރ/ނޮވެންބަރގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އަދި އެޗް،އެސް،ސީ އިމްތިޙާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ލިބުމުން 16 މާރިޗް 2025 ގައި ޖަލާލުއްދީން ސްކޫލުން ބުނެފައި ވަނީ އެ ސްކޫލްގެ ދަރިވަރުން ތެރެއިން 18 ދަރިވަރުންނަށް ޤައުމީ ގަދަ ދިހަވަނައިން ޖާގަ ކަށަވަރުވިކަމަށެވެ.

ވަކިން ޚާއްޞަކޮށް ޤައުމީ ގަދަ 10 ގެ ފަޚުރުވެރި 1 ވަނައާއެކު ޕްރެޒިޑެންޝަލް ސްކޮލަރޝިޕް ޙާޞިލްކޮށް އަޙުމަދު ޔާސީން އިބްރާހީމް ވަނީ ޖަލާލުއްދީން ސްކޫލްގެ ނަން ރޯޝަންކޮށްދީފައިކަމަށް އެ ސްކޫލުން ބުނެފަވެއެވެ.

މީގެ އިތުރުން މި އިމްތިހާނުގައި ހައި އެޗީވާރސް ސްކޮލަރޝިޕް ޙާޞިލްވާ މިންވަރުގެ ނަތީޖާ ހޯދާފައިވާ ދަރިވަރުންގެ ޢަދަދު ވަނީ 7 އަށް އިތުރުވެފައިކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

މަތީ ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ލިބުނު 11 ދަރިވަރުން

  • އަޙުމަދު ޔާސިން އިބްރާހިމް، ޖަލާލުއްދީން ސްކޫލް
  • މުޙައްމަދު މަނޫން ފާއިޒު، ބ. އޭއީސީ
  • ލުބާނާ އަބްދުލް މޫމިން، ބ. އޭއީސީ
  • މުޙައްމަދު ފާހިމް އިބްރާޙިމް، ސީއެޗްއެސްއީ ހުޅުމާލެ
  • މުހައްމަދު ނަބީޙް އިބްރާހިމް، ސީއެޗްއެސްއީ ހުޅުމާލެ
  • އައްޔޫބު ޝަހީބު، ސީއެޗްއެސްއީ ހުޅުމާލެ
  • އައިޝަތު އީޝަލް އަޙްމަދު އަސްލަމް، ސީއެޗްއެސްއީ ހުޅުމާލެ
  • ޢާލީ ހައިޝަމް، ސީއެޗްއެސްއީ ހުޅުމާލެ
  • އަޙްމަދު ސަލަފު ހާޝިމް، ސީއެޗްއެސްއީ ހުޅުމާލޭ
  • ނުހާ ރިޟްވާން، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
  • ހައްވާ ޒައިހާ ހަބީބު، ޢަރަބިއްޔާ ސްކޫލް

2023 އަދި 2024 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ "މަތީ އަރުތަވެރިންގެ އިނާމު" 1800 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ ލިބިފައެވެ.

މި މަހުގެ 21 އަދި 22 ވާ ހޮނިހިރު އަދި އާދީއްތަ ދުވަހު ބޭއްވި މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ ޖުމްލަ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ.

މި އިނާމަކީ ދަރިވަރުންގެ ކިޔެވުމަށް ކުރި މަސައްކަތަށް ސަރުކާރުން ދެއްވާ ވަރަށް ބޮޑު ގަދަރެއްކަށް ތައުލީމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.