ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

Ad
rt

މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 07:41 ހާ އިރުއެވެ.

މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ 9 ބީ ބްލޮކްގެ 13 ވަނަ ފަންގިފިލާގެ، 6ވަނަ އެޕާޓްމަންޓަށް ގޮސް، ރޯވި އަލިފާން އެއްވެސް އިރެއްގެ ތެރޭގައި ނިއްވާލާފައެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އަލިފާން ރޯވުމުގެ ސަބަބުން އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކްބެޑެއްގެ ގޮދަޑިއެއް ވަނީ އަނދާފައެވެ. އޭގެ އިތުރުން، މުޅި އެޕާޓްމަންޓަށް ކަޅު ދުމުގެ އަސަރުކޮށް، ކޮޓަރިތެރޭގައި ހުރި ފަރުނީޗަރުތަކަށާއި އޭސީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ހުޅުމާލޭ ވިނަރެސް ފްލެޓް 9B-13-06 އެޕާޓްމަންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ލިބިފައިވާތީ، އެ އޮތޯރިޓީން މިހާރު އެކަން ބަލަމުން އަންނަކަމުގައެވެ.

މި ފްލެޓްގައި އަލިފާން ރޯވި ސަބަބު އަދި ސާފުވާ ގޮތެއް ނުވެއެވެ.