ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ހިމެނޭހެން 16 ބިލިއަން ޕާސްވޯޑެއް އިންޓަނެޓްގައި ލީކުވެއްޖެއެވެ.

ސައިބާ ނިއުސްގެ ދިރާސާކާރުން ހާމަކުރާގޮތުގައި މިހާތަނަށް އެޕަލް އާއި ފޭސްބުކް އާއި ގޫގަލް އަދި ބައެއް ސަރުކާރުތަކުގެ މައުލޫމާތު ހިމެނޭ ޕްލެޓްފޯމުތައް ހިމެނޭހެން 16 ބިލިއަން ޕާސްވޯޑު ވަނީ ލީކުވެފައެވެ. މިއީ މިހާތަނަށް މިހާ ގިނަ އަދަދެއްގެ ޕާސްވޯޑް ލީކުވި ފުރަތަމަ ފަހަރު ކަމަށްވެސް ދިރާސާކާރުން ބުނެއެވެ.

Ad
rt

ޕާސްވޯޑް ލީކެއް އުޅޭ ކަން ހާމަވީ ގޫގަލްއިން ލީކޭއް އުޅޭ ކަމަށް ޝައްކުކޮށް ޔޫޒަރުންނަށް ޕާސްވޯޑު ބަދަލުކުރުމަށް އިރުޝާދު ދޭން ފެށުމުންނެވެ.

ސައިބާ ނިއުސްއިން ބުނެފައިވާގޮތުގައި 3.5 ބިލިއަން ރެކޯޑު ހިމެނޭ 30 ޑާޓާ ސެޓް މިހާރުވެސް ފެނިފައިވާ ކަމަށެވެ. އެހެންވެ މިހާރު ލީކުވެފައިވާ މައުލޫމާތުތަކަކީ މުޅިން އަލަށް ލީކުވެފައިވާ މައުލޫމާތުކަމަށް ލަފާ ކުރެއެވެ.

މިއީ ހަމައެކަނި ލީކެއް ކަމަށް ބަަލައިގެން ތިބެވޭކަށް ނެތް ކަމަށާއި މައްސަލަ އެއަށްވުރެ ސީރިއަސް ވެދާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. އެގޮތުން، މިފަދަ މައުލޫމާތު ހަތިޔާރަށް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ.

މި ޑާޓާ ލީކުގެ ފަހަތުގައި ވަނީ ކޮންބައެއްކަން މިހާތަނަށް ދެނެގަނެވިފައި ނުވެއެވެ.

މިފަދަ މައުލޫމާތުތައް ލީކުވުމަކީ ނުރައްކަލެއްކަން ފާހަގަކޮށް ތަޖުރިބާކާރުން ދަނީ މިފަދަ މައުލޫމާތު ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅު އެޅުމަަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ގޮތްނޭނގޭ ސައިޓުތަކާއި ލިންކުތަކަށް ނުވަނުމަށާއި އުނދަގޫ ޕާސްވޯޑްތައް ބޭނުން ކުރުމަށް އިލްތިމާސްކުރެއެވެ.