ހދ.ކުޅުދުއްފުށީގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އަމަލީ މަސައްކަތް މާލަސްތަކެއްނުވެ ފެށިގެންދާނެ ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އަހަރު ފެބްރުއަރީ ހަވަނަ ދުވަހު ރައްޔިތުންމަޖިލިސް ހުޅުއްވައިދެއްވައި ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވެސް މި އަހަރު ކުޅުދުއްފުށި އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

Ad
rt

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ބައިވެރިވެ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ފެށުމަށްޓަކައިބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި، އެއާޕޯޓްގެ މަސައްކަތާއި ގުޅުންހުރި އިންޓާނަލް ޕްރޮސެސްތައް މިހާރު ނިމިފައިވާ ކަމަށެވެ.

މަސައްކަތް ފެށުން ލަސްވި ސަބަބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތާއި، ގެންނަން ޖެހޭ ބައެއް ބަދަލުތަކާއި، އަދި އެއާޕޯޓަށް ބޭނުންވާ އިކުއިޕްމެންޓްސްއަށް އޯޑަރ ކުރުމާއި މިކަހަލަ ކަންކަމާއި ހެދިމަސައްކަތުގައި ލަސްތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް، މިހާރުވެސް އެއާޕޯޓްގެ ޓަރމިނަލްއާއި، ފެންސާއި، ސެކިއުރިޓީއާއިގުޅުން ހުރި ކަންކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.