ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ބައްލަވައިލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މި ޒިޔާރަތުގެ ތެރެއިން ރައީސް ވަނީ މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވައި، މަސައްކަތް އިތުރަށް ހަލުވިކުރުމަށް ބާރުއަޅުއްވާފައިކަމަށެވެ.

Ad
rt

މި ފްލެޓް މަޝްރޫޢުގެ ދުވެލި ހަލުވިކުރައްވައި، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމަށްޓަކައި، މިދިޔަ 18 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އަމާޒަކީ، މި 4000 ފްލެޓްގެ ތެރެއިން މަސައްކަތް މުޅީން ނިމޭ ޓަވަރުތަކުގައި މިއަހަރު ތެރޭގައި މީހުން ދިރިއުޅެން ފެށުމެވެ. އަދި މި މަޝްރޫޢު ވީހައި އަވަހަކަށް މުޅީން ފުރިހަމަކުރެއްވުމެވެ.

މި ފްލެޓްތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އުސޫލާ އެއްގޮތަށް ޝަރުތު ހަމަވި ހުރިހާ ފަރާތްތަކަށްވެސް ފްލެޓް ލިބޭނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.

ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު މި ދައުރުގެ ތެރޭގައި ހިންގާނެކަމަށް މި ސަރުކާރުން ޢިއުލާންކޮށްފައިވާއިރު، މާލެ ސަރަޙައްދާއި ރަށްރަށުގައި ހިޔާވަހިކަމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢުތައް މިހާރު އަންނަނީ ހިންގަމުންނެވެ. އަދި އަތޮޅުތަކުގައި އެންމެ ގިނަ ފްލެޓް ބިނާކުރުމަށް މިހާތަނަށް ހިންގޭ މަޝްރޫޢު ސަރުކާރުން މިހާރު ވަނީ އިޢުލާނުކުރައްވައިފައެވެ.

މީގެ އިތުރުން، އިސްލާމިކް ފައިނޭންސްގެ އުޞޫލުން 5 އިންސައްތައަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓްގައި ހިޔާވަހިކަމުގެ ލުއި ލޯނުތައް މިއަހަރު ދޫކުރައްވަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުން ކަނޑައަޅުއްވާފައިވާ ހިޔާވަހިކަމުގެ މި ބިޔަ މަޝްރޫޢުގައި، 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ހިޔާވަހިކަމެއްގެ ފުރުޞަތު ފަހިކޮށް ދެއްވާނެކަމަށް ސަރުކާރުން ބުނެފަވެއެވެ.

މީގެ ކުރީން، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ދޫކުރައްވާފައިވާ ގިނަ ފްލެޓްތަކެއްގެ ކުލި މި ސަރުކާރުން ލުއިކޮށްދެއްވާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. އަދި ހިޔާފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިކޮށްދެއްވުމުގެ ގޮތުން، ކޮންމެ ޓަވަރަކު އިތުރު 2 ލިފްޓް ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.