ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ގުޅިވަޑައިގަތުމުގެ މަރުހަބާ ދެންނެވުން މުލިއާގެ ކަންމަތީ ބާއްވަން ވިސްނަވަމުން ގެންދަވާކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މަޖިލިސްގެ ކުރީގެ ރައީސް، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނު އިސްކޮށް ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ހުރިހާ މެމްބަރުން އަނބުރާ އެމްޑީއާއި ގުޅުމަށް ޑިމޮކްރެޓްސްގެ ނުރަސްމީ ނެޝަނަލް އެސެމްބްލީން 17 ޖޫން 2025 ގައި ވަނީ ނިންމާފައެވެ.

Ad
rt

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް މިރޭ ވިދާޅުވީ، ނަޝީދާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް މިހާތަނަށް ކާމިޔާބުވެފައިނުވާކަމަށެވެ.

ފައްޔާޟް ވިދާޅުވީ އެކަންކަމެއް ތަނެއް ހަަމަނުޖެހި އޮތީ ސަރުކާރުން އެކަން ހަމަޖައްސައި ނުދޭތީކަމަށެވެ. އެހެންވެ މި ހަފްލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ، މިހާރު ގަސްތުުކުރަށްވަނީ ނަޝީދުއަށް މަރުހަބާ ދެންނެވުމަށް 23 ޖޫން 2025 ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި ބޭއްވުމަށް ކަމަށް ފައްޔާޟް ވަނީ ވިދާޅުވެފައެވެ.

ފައްޔާޟް ވަނީ މި އިވެންޓުތަކަށް އެމްޑީޕީ އަށް ތާއިދުކުރައްވާ އެންމެހާ ބޭފުޅުންނަށް ދައުވާތު އަރުވާކަމަށް ވެސް ވިދާޅުވެފައެވެ.

ކުރީގެ ރައީސް ނަޝީދާއި ޑެމްގެ ނިންމުމަށް އެމްޑީޕީގެ އިސްވެރިން މަރުހަބާ ކިޔާފައިވާއިރު، އާންމު މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުންތައް ވަނީ އުފެދިފައެވެ. ބައެއް މެމްބަރުން ބުނަމުން ދަނީ ސީދާ ޕާޓީއަށް ގެއްލުން ނުދޭނަމަ އަލުން މަރުހަބާ ކިއިދާނެކަމަށެވެ. މިދިޔަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުނީ ނަޝީދާއި ނަޝީދާއެކު ޑެމް އަށް ދިޔަ މެމްބަރުންގެ ސަބަބުންކަން އެމްޑީޕީގެ އެއްބަޔަކު ގަބޫލުކުރެއެވެ.