ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރ ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހަމަޖައްސައިފިއެވެ.
އެމްއެމްޕީއާރްސީން ބުނެފައިވާ ގޮތުގައި، ކެޓްރީނާ ކައިފް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ހަމަޖައްސައި ގްލޯބަލް ބްރޭންޑް އެމްބެސެޑަރ ކަން ދީފައިވަނީ، ހޫނު މޫސުމާއި ގުޅުވައި ކުރިއަށް ގެންދާ "ސަނީ ސައިޑް އޮފް ލައިފް" ކެމްޕެއިނުގެ ދަށުންނެވެ.
މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދީ، ހިތްގައިމު ކަނޑުގެ މަންޒަރުތައް ޕްރޮމޯޓުކޮށް މަތީ ފަންތީގެ ފަތުރުވެރިކަން އިޝްތިހާރު ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ހާމަކޮށްފައިވެއެވެ.
ކެޓްރީނާ ކައިފް މި މަޤާމަށް ހަމަޖެއްސީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތިބޭ އޭނާގެ ފޭނުންނަށް ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރިހަމަ ތަޖުރިބާ ދައްކައިދިނުމަށް ކަމަށް އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.
"ސަމާ ސޭލް" ކެމްޕޭނުގެ ދަށުން ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކާއި ބުޓީކް ގެސްޓްހައުސްތައް އަދި އާއިލާތައް އެކުގައި ޗުއްޓީ ހޭދަކޮށްލަން އެންމެ ފުރިހަމަ ތަންތަން އިޝްތިހާރު ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.
މި ކެމްޕޭނު ކުރިއަށް ގެންދާނީ އިނގިރޭސިވިލާތް، ރަޝިއާ، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާގައެވެ.
މި ކެމްޕެއިންގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުން ހަރުދަނާކޮށް، މި އަހަރުގެ ހޫނު މޫސުމުގައި އަދި އޭގެ ފަހުން ވެސް ބުކިންތައް އިތުރުކުރުން ކަމަށް އެމްއެމްޕީއާރްސީން ފާހަގަކޮށްފައިވެއެވެ.
ބޮލީވުޑްގެ އެންމެ ނަން މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ހިމެނޭ ކެޓްރީނާ ކައިފް ވަނީ އެކި ފަހަރުމަތިން ޗުއްޓީ ހޭދަކޮށްލުމަށާއި، ފޮޓޯ ޝޫޓްތަކަށް ރާއްޖެއައިސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!