އިއްޔެ ހަވީރު މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ކުއްލި ގޮތަކަށް ނިޔާވި އައްޝައިޚް އިބްރާހިމް ފަރީދު، އަންނަ ހުކުރު ދުވަހުގެ ކުރިން ހަށިގަނޑު ވަޅުލައިފި ނަމަ އަންނަ ދުވަހުގެ ހުކުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ޝެއިޚްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވި ގޮތުގައި، "އިންޝާﷲ މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލައިފި ނަމަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޝެއިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން މިނިސްޓްރީން ވަނީ ނިންމައިފަ" އެވެ.
ޝައިޚް ފަރީދު ނިޔާވީ މެލޭޝިޔާގެ އެއަރޕޯޓަށް ވަޑައިގަތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި، މަތިންދާބޯޓުން ފައިބާވަޑައިގަތް ވަގުތު ވެއްޓިވަޑައިގެން، ފަރުވާ ދެމުންދަނިކޮށެވެ. އާއިލާއިން ނިންމާފައިވަނީ ޝައިޚްގެ ޖަނާޒާގެ ކަންތައް މެލޭޝިޔާގައި ކުރިއަށް ގެންދިއުމަށެވެ. މިއީ ދިވެހިރާއްޖެއަށް ގެނެސްފިނަމަ ޕޯސްޓްމޯޓަމް ހަދަންޖެހުމާއި، މިއީ ޝައިޚް އަބަދުވެސް އިންކާރު ކުރައްވާ ކަމަކަށް ވާތީއެވެ.
ޝައިޚް ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި، އިސްލާހީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރެއްވި ޝައިޚް ފަރީދަކީ، އިސްލާމް ދީނުގައި މަޝްވަރާކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ.
ރާއްޖޭގައި އުފެދުނު ދީނީ އުސްތާޒުންގެ ތެރެއިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ދަރުސްތަކެއް ދޫކުރެއްވި ޝަޚްޞިއްޔަތުގެ ޖަނާޒާގެ ކަންކަން ކުރިއަށްދާ ގޮތް އިސްލާމިކް މިނިސްޓްރީން އިޢުލާން ކުރައްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!